02 Jun 2020, 03:03
އިންތިގާލީ ކައުންސިލުތަކުގެ ބޮޑެތި ބާރުުތަކެއް އަތުލާގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020 މަޖިލީހުން ފާސްކޮށްފިއެވެ.
ކައުންސިލުތަކުގެ ދައުރު މި މަހުގެ ތިންވަނަ ދުވަހަށް ހަމާވާނެ އެވެ. ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ނުގޮސް، މިހާރު ތިބި ކައުންސިލަަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އިސްލާހުކުރަން ވެސް މަޖިލީހުން މިރޭ ވަނީ ފާސްކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ، އާ ކައުންސިލަރުން އިންތިހާބުކުރެވެންދެން އެ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭނެއެވެ.
ކައުންސިލަރުންގެ ބާރުތައް ހަނިކޮށް މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ 73 މެމްބަރުންގެ ވޯޓާ އެކު އެވެ.
ބިލު މަޖިލީހަށް ހުށަހެޅި އިރު ބިލުގައި ބުނެފައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި، ގާނޫނުއަސާސީގެ އަށް ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި ކައުންސިލްތަަކަށް ލިބިގެންވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ، އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާން ޖެހޭނެ ނިންމުންތަކެއް ކަމުގައި ބެލެވޭނެ ކަމަށެވެ.
އެހެން ނަމަވެސް ބިލު ދިރާސާކުރުމަށް ފަހު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ އިސްލާހުތަކާ އެކު މިރޭ ފާސްކުރި ބިލުގައި ބުނެފައި ވަނީ ދައުރު ހަމަވުމަށް ފަހު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށާއި ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭނެ ކަމަށެވެ.
އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް މިއަދު ފާސްކުރި ބިލުގައި ބުނެފައިވެއެވެ.
ތިނެއް ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ހިދުމަތްތައް ދިނުމުގައާއި ކައުންސިލްތަކަށް ލިބޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގައި މެނުވީ، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް ތަބާވާންވާނެ ކަމަށް ބިލުގަައި ބުނެފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭން ޖެހޭނެއެވެ.
ބިލުގައިވާ ގޮތުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާ ތާރީިހުގެ ދެ ހަފްތާ ކުރިއަށް، ކައުންސިލުތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ހިސާބު، ކޮންމެ ކައުންސިލަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
ލާމަރުކަޒީ ކޮމިޓީން ބުނެފައި ވަނީ ހިސާބުތައް ހުށަހެޅުމާ ގުޅޭ މާއްދާއެއް ބިލަށް އިތުރުކުރީ އުންސިލްތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލްތަކުގައި ތިބޭ ފަރާތްތަކުން ކުރާ އެންމެހައި ކަންކަން ޒިންމާދާރުކަންމަތީގައި ކުރުމަށް ބާރުއެޅުމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުން ކުރާ ކަންކަން އޮޑިޓްކުރުން ލާޒިމްކުރުމުގެ މަގްސަދުގައި ކަމަށެވެ.
އެއްވެސް ސަބަބަކާހުރެ، ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލެއްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއް މަސައްކަތްކުރާނެ އުސޫލު އެލްޖީއޭއިން އެކުލަވާލައި އެ ކައުންސިލަކަށް އަންގަންވާނެއެވެ. ނަމަވެސް ހުސްވާ މަގާމަށް އިތުރު މީހަކު އިންްތިހާބެއް ނުކުރެވޭނެއެވެ.
ބިލު މަޖިލީހުގެ ތަޅުމުން އިސްލާހުކޮށްފައިވަނީ، ރައީސް ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ބޯޑު އުވޭގޮތަށެވެ. އަދި އެ ބޯޑަށް ހަތް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދީފަ އެވެ. އެލްޖީއޭގެ ބޯޑަށް ދައުލަތުން މިހާރު މުސާރަ ދޭ މީހަކު އައްޔަންކޮށްފި ނަމަ އެމީހަކަށް އިތުރު މުސާރައެއް ނުދިނުމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި އެލްޖީއޭއަށް ގިނަ ބާރުުތަކެއް ވަނީ ދީފައެވެ. އެގޮތުން ވަގުތީ އިންތިޒާމްގެ ސަބަބުން ކައުންސިލް އިދާރާ ހިންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ކައުންސިލް އިދާރާ ހިންގާނެ އުސޫލުތައް ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކުލަވާލާ ކައުންސިލްތަކަށް ފޮނުވަން ޖެހޭނެއެވެ.
އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެލްޖީއޭ އިންނެވެ.
އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.
މި ގާނޫނަށް އަމަލުކުރާނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެނެވެ.