30 May 2020, 13:54
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްގެން ވިޔަސް، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ އިސްލާހު މިއަދު މަޖިލީހުން ފާސްކުރަން ޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.
އެ ބިލް ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމެޓީއިންނެވެ. ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު:
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.
- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.
ތިން ހުށަހެޅުމާއި އެކު މުޅި މަޖިލީހުގެ ކޮމެޓީން ބިލް ފާސްކޮށްފައިވަނީ ވެސް ވޯޓްގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.
ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ.
މަޖިލީހުން ރޭ ކޮމިޓީ ރިޕޯޓު ފާސްކޮށްފައި ވާއިރު، ޖޫން މަހުގެ ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނެއެވެ.
މިކަމާ ގުޅޭގޮތުން މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްގެން ނަމަވެސް މިއަދުން މިއަދަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްގެން ވިޔަސް މިއަދު ގާނޫނު އަސާސީއަށް ހުށަހެޅިފައިވާ އިސްލާހު ފާސްކުރަންޖެހޭ. ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ފޮނުވާލުމަކީ އޮޕްޝަނެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މެދުކެނޑުމެއް ނެތި ރަށްވެރި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ގާނޫނުއަސާސީއާ ގާނޫނުން ފަހިކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މަޖިލިސް ދެމިއޮންނަން ޖެހޭނީ ވެސް ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި އޮތީ ތިނޯހެއްގެ ފަގަ ތެރެއިން ލާފަ ވިޔަސް މަޖިލިސް ކުރިއަށް ގެންދާނަމޭ. މިއޮތީ އެފަދަ ހާލަތެއް. ކޮމިޓީ ރިޕޯޓު މިއަދު ފާސްވާނެ ގޮތެއް ހޯއްދަވާނެ ކަމަށް ޔަގީންކުރަން. މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުން އެއްބަސްވާނަމަ މިކަން ކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން މިއަދު ހެނދުނު ވިދާޅުވެ ޓްވީޓުކުރެއްވި އިރު، މިއަދު މެންދުރު 2:00 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ޝަރީފް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމަކީ އެންމެ ޑިމޮކްރަސީ ހަމަތަކަށް ފެތޭ ގޮތް ކަމަށޭވެ. އަދި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ހާލަތެއް ކުރިމަތިވެފައި އޮންނަ ވަގުތެއްގައި، ކައުންސިލް ޒިންމާއާ ބާރު ކަނޑުވާފައި މޮހޮނަށް އޮޑި ދޭގޮތަށް ނުދެވޭނެ ކަމަށާއި، އެ ބާރުތައް ދޭންވާނީ ރައްޔިތުންނަށް ހިދުމަތް ދެވޭނެ ފުރުސަތާއެކު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ ހަމަޔަކީ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލްތައް މަގާމުގައި ދެމިތިބޭނެ އިންތިޒާމު ހަމަޖެއްސުން. ސަރުކާރުން ހުށަހެޅިގޮތަކީ ވެސް އެއީ، އެ އުސޫލަށް އަޅުގަނޑު ތާއީދުކުރަން. މިކަމާ ނުރުހިގެން ބައެއް ބޭފުޅުން ތިހިރީ ވިކިފައޭ ގޮވިޔަސް،" ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަސްލަހަތު ހިމެނޭ އަދި ގައުމާ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ހުށަހެޅޭ ކޮންމެ ކަމަކަށް އަޅުގަނޑު ތާއީދުކުރައްވާނެ ކަމަށާއި، އެކަމުގައި ފަސް ބެލުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެބިލާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.
ހިޔާލުތަފާތުވުންތައް ފިނިވެފައިވަނީ ސުޕްރީމް ކޯޓުން ދިން ލަފަޔާއެކު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި އިއްޔެ ލަފާ ދީފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ އެ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން، ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށެވެ.