އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވުމުން އެންވަޔަރަމެންޓް މިނިސްޓްްރީއިން އޭނާއަށް އިންޒާރު ދީފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅު ހިއްކަން ފެށުމާއެކު ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން ދިއުމާ ގުޅިގެން ވަޓްސްއެޕް ގުރޫޕެއް މެދުވެރިކޮށް ޑރ. ނަސީރު، ނައީމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިރުޝާދަށް އަމަލު ނުކުރައްވާނެ ކަމަށް ނައީމް ވިދާޅުވެފައިވާ ކަމަށެވެ.

އެ ގްރޫޕުގައި ނައީމް އެހެން ވިދާޅުވި އިރު، ނައީމްއާ ޑރ. ނަސީރުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ހަމްދާން ޒުހެއިރު އެ ވަގުތު އެ ގްރޫޕުގައި ތިއްބެވި ކަމަށް އިންޒާރުގެ ލިޔުމުގައިވެއެވެ.

ޑރ. ނަސީރަކީ އީޕީއޭގެ ހިންގުމާ ގުޅޭ އިރުޝާދުދޭ ސިޔާސީ އެންމެ އިސް ފަރާތަށް ވެފައި ޑރ. ނަސީރުގެ އިރުޝާދަށް ނައީމް އިންކާރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައިވެއެވެ. އަދި އީޕީއޭ ފަދަ މުހިންމު ރެގިއުލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިއެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. ނައީމްގެ ކުށަކީ ސިވިލް ސާވިސް ގަވާއިދު 2014 ގެ އިސްލާހީ ފިޔަވަޅު އެޅުމާ ބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދެވަނަ ދަރަޖައަށް ފެތޭ ކުށެއް ކަމަށް ބުނެފައިވެއެވެ.

"އެހެންކަމުން އިބްރާހިމް ނައީމްއަށް ސިވިލް ސާވިސްއިން ހަވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރުމަށާއި، ވެރީންނަށް އިހުތިރާމު ކުރުމަށާއި، ވެރީން ދޭ ލަފައާއި އިރުޝާދު ހެޔޮ ހިތުން ބަލައިގަނެ އެއަށް އަމަލު ކުުރުމަށާއި މިފަދަ ކުށެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުކުރުމަށާއި، ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދާއި ކޯޑް އޮފް ކޮންޑަކްޓަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އަދި މީގެ ފަހުން ދިވެހި ސިވިލް ސާވިސްގެ ގަވައިދާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާގެ ފަންތި ދަށް ކުރުން ނުވަތަ ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ ވަޒީފާއިން ވަކި ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާކަން އަންގައި އިންޒާރު ދެމެވެ." ނައީމްއަށް ފޮނުވި އިންޒާރުގައިވެއެވެ.

ނައީމް ފޯނު ނިއްވާލާފައި އޮތުމުން އޭނާ ދެކޮޅު ހެއްދެވީ ކޮން އިރުޝާދަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން ޑރ. ނަސީރުގެ ބަހެއްވެސް ނުލިބުނެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ "ސަން"އަށް މިއަދު ވިދާޅުވީ، މިނިސްޓްރީއިން ނައީމަށް ދިން އިރުޝާދަކީ މަޝްރޫއާ ގުޅޭ މައުލޫމާތުތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރަމުން ދިޔުމަށް ކަމަށެވެ. އެގޮތުން ކޮންސަލްޓެންޓުން އަތުގައި ހުރި ޑޭޓާއާއި އާންމުކުރުމަށާއި، ޕްރޮޖެކްޓުގެ ސައިޓަށް ގޮސް ހިއްކާ އިރު ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތައް އަޅާތޯ މޮނިޓާކޮށް، އެކަމުގެ މައުލޫމާތުވެސް އާންމު ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށް އަޖުވަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވީ އީޕީއޭއަށް ޕްރޮޖެކްޓު މިގޮތަށް ކުރިއަށްދާއިރު، ތިމާވެށި ދެކެ ލޯބިވާ އެތައް ބައެއްގެ ކަންބޮޑުވުން ހުރީމަ އީޕީއޭއިން އެބަ ޖެހެއާ ޕްރޯއެކްޓިވްކޮށް މައުލޫމާތު ހާމަކޮށްދޭން،" އަޖުވަދު ވިދާޅުވިއެވެ.

އީޕީއޭ މިނިސްޓްރީއާ ވަކިން މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ ސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް، އެ ވައުދު ފުއްދާފައި ނުވާތީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ ފަޅު ހިއްކާއިރު ކަނޑަށް ފޭދިގެންދާ ވެލީގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުުން ފާޅު ކުރަމުންނެވެ. އެގޮތުން ގުޅީފަޅު ބޭރުގައި އޮންނަ ހިމާޔަތްކޮށްފައިވާ ހާންސް ހެސް ޕޮއިންޓު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ގެއްލުންވާނެ ކަމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކުރިއެވެ.