30 May 2020, 11:07
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެެރެއިން އިތުރު 195 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
އެ މީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަން އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރި ފްލައިޓުގައި ބަންގްލަދޭޝްގެ 195 މީހަކު އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ.
މިއީ ބަންގްލަދޭޝް ރައްޔިތުން ގެންދާ ހަތް ވަނަ ފްލައިޓެވެ. އިއްޔެވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި 198 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލާފައިވެއެވެ. މިހާތަނަށް އެގައުމުގެ 1،000 އެއްހައި ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ.
އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.
އަނބުރާ ގައުމަށް ފޮނުވާލާ ބަންގްލަދޭޝް މީހުންގެ ތެރެއިން ގިނައީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނެވެ. މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.