ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވައިލެއްވި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް، 72 މެންބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މި ބިލު ފާސްކޮށްފައި މިވަނީ ބިލު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްވާ މިންވަރަށް މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލަކީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ހުށަހަޅުއްވާފައިވާ ބިލެކެވެ. ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން އެ ބިލު ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ނޭޝަނަލް ތެލަސީމިއާ ސެންޓަރު އުވުނީ ކަމަށް ބިލުގައި ބަޔާންކޮށްފައި ވާތީ އާއި އެތަނަކީ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެވި އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ތަނަކަށް ވާތީ، އެފަހަރު ބިލު ފާސްވި އިރު އެހެން ކުންފުންޏެއްގެ ދަށުގައި ހުރި ތަނެއް ސަރުކާރަށް އަނބުރާ ނެގުމަކީ ގާނޫނީ ގޮތުން ކުރެއްވިދާނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވައި ބިލު މަޖިލީހަށް ފޮނުއްވި މާއްދާގައި މިފަހަރު ބަޔާންކޮށްފައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދޭނެ މަރުކަޒެއް އުފެއްދުމަށެވެ. ނަމަވެސް އެ މަރުކަޒު ހިންގާނެ އުސޫލެއް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައި ވަނީ ހެލްތު މިނިސްޓަރަށެވެ.

މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެންބަރުންތަކެއް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ދަށަށްގޮސްފައިވާ މިންވަރު ބަޔާންކޮށް ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ތެލަސީމިޔާ ކުދިންނަށް ދޭ ހިދުމަތްތައް އެތައް ތަނަކުން ދަށަށް ގޮސްފައިވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އެގޮތުން ތެލަސީމިޔާ ކުދިންނަށް ލޭދިނުމަށް އަމިއްލައަށް އެދިގެން ތެލަސީމިޔާ ސެންޓަރަށް ދިޔަ ނަމަވެސް ޑޮކްޓަރުން ނެތުމުގެ ސަބަބުން ލޭ ނެގުމަށް ދަތިވެ އެ ލޭ ބެނުންވާ ކުދިންނަށް ލޭ ފޯރުވައި ދިނުމަށް އުނދަގޫތައް ކުރިމަތިވެފައިވާކަން ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލްވެސް ވަނީ ފާސްކޮށްފަ އެވެ. އެބިލު ފާސްކުރީ، ވޯޓުގައި ބައިވެރވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.