ރާއްޖެއިން 92 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިހާތަނަށް ރާއްޖެއިން 1،591 މީހަކަށް ކޮރޯނާވައިރަސް ޖެހިފައި ވާއިރު، މިއީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާއެވެ.

މީގެކުރިން އުމުރުން 89 އަހަރުގެ ދިވެހި އަންހެނަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވާ މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހުންނާއި 80 އަހަރުން މަތީގެ މީހުން ވެސް މަދުން ނަމަވެސް ހިމެނެއެވެ.

ކޮރޯނާވައިރަހަކީ އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑު ބައްޔެކެވެ. ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ފަސް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 80 އަހަރުން މަތީގެ ތިން ދިވެހިން ހިމެނެއެވެ.

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖަކީ އުމުރުން 11 ދުވަހުގެ ފިރިހެން ކުއްޖެވެ. އުމުރުން 17 ދުވަހުގެ ކުއްޖަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ދީފައިވާއިރު، ފާއިިތުވި 24 ގަޑިއިރުގެ ތެރޭގައި ވައިރަހަށް ޕޮޒިޓިވް 78 މީހަކު ވަނީ ދެނެގަނެވިފައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ނޯމަލް އަދަދެއް ކަމަށެވެ. ނަމަވެސް މިއަދު މިވަނީ އެ އަދަދު ފަހަނައަޅާ ގޮސްފަ އެވެ.

މިހާރު ރާއްޖޭގައި ތިން ތަނަކުން ކޮވިޑް ޓެސްޓްތައް ހަދަ އެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޕޮލިސް ލެބޯޓްރީއިންނެވެ.