ޖުލައި މަހުން ފެށިގެން ފްރެންޗް ކުލަބުތަކަށް އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ބުނެފި އެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާ އެކު ފްރާންސް ލީގު ކެންސަލްކުރީ މިދިޔަ މަހު 30 ވަނަ ދުވަހު އެވެ.

ލީގުގެ ބޯޑުގެ ބައްދަލުވުމަށް ފަހު މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެން ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީއަށް ތަށި ދިން އިރު، ހަތްވަނައިގައި އޮތް ލިޔޯނަށް ވަނީ ގިނަ އަހަރުތަކަކަށް ފަހު ޔޫރަޕްގެ ދޮރު ބަންދުވެފަ އެވެ. އެކަމާ ހިތްހަމަނުޖެހި ލީގު ކެންސަލްކުރި މައްސަލަ ލިޔޯނުން ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ކޯޓަށް ބަލައި ނުގަތެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުގައި ފުޓްބޯޅަ ލީގުތައް ފަށާތީ ފްރާންސްގައި ވެސް އެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ލިޔޯނުގެ ރައީސް ޖޮން-މިކޭލް އައުލަސް ގަބޫލުކުރައްވަ އެވެ. އަދި ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައިވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އައުލަސް ވަނީ ފްރާންސްގެ ބޮޑުވަޒީރާއި ކުޅިވަރާ ބެހޭ ވަޒީރަށް ސިޓީއެއް ފޮނުވައިފަ އެވެ.

ނަމަވެސް ލީގު އަލުން އަނބުރާ އެގައުމުގައި ފެށޭނެ ކަމުގެ އުންމީދެއް ނެތުމާ އެކު ގައުމުގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅުމުން ކުލަބުތަކަށް އެކުވެރިކަމުގެ މެޗު ކުޅުމަށް ހުއްދައަށް އެހުމުން ސަރުކާރުން ވަނީ އެ ހުއްދަ ޖުލައި މަހު ލިބޭނެ ކަމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާއަށް އަންގާފަ އެވެ.

ފްރެންޗް ލީގުގެ އިންތިޒާމީ ކޮމީޓީއިން އިއްޔެ ބޭއްވި ބޯޑު މީޓިންގްގައި ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓާއި، ލީގުގެ ރައީސް ނަތަލީ ބޯއީ ޑެލަ ޓޯ ވަނީ ކުލަބުތަކާއެކު ލީގު އަލުން ފެށޭނެ ތާރީހެއް މަޝްވަރާ ކޮށްފަ އެވެ. އެގޮތުން އެ މަޝްވަރާތަކުގައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އައު ސީޒަން ފެށޭވަރު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފްރެންޗް ލީގު ކެންސަލްކޮށްފައިވާއިރު ފްރާންސްގެ ޕީއެސްޖީއާއި ލިޔޯން ޗެމްޕިއަންސް ލީގުގައި ކުޅެމުންނެވެ. ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށަން މަސައްކަތްކުރާއިރު، އެ މުބާރާތުގައި ޕީއެސްޖީއާއި ލިޔޯން ކުޅޭ މެޗުތަކަށް ހަދާނެ ގޮތެއް ނޭނގުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ.