ޕެރިސް (މެއި 30): ފްރާންސްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ މާޗް މަހު އެޅި ފިޔަވަޅުތަކުގެ ދަށުން ބަންދު ކުރި ކެފޭތަކާއި ރެސްޓޯރެންޓުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

ފްރާންސުގެ ބޮޑުވަޒީރު އެޑުއާޑް ފިލިޕް ވިދާޅުވި ގޮތުގައި އެގައުމުގެ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ދާރުލްއާސާރުތަކާއި ފިޓްނެސް ސެންޓަރުތަކާއި ބީޗުތައްވެސް މި ހަފްތާ ތެރޭ ހުޅުވޭނެ އެވެ. ނަމަވެސް އެގައުމުގެ ގިނަ ސަރަހައްދުތަކަށް ވުރެ ބޮޑަށް ޕެރިހުގައި ވައިރަހުގެ ނުރައްކާ ބޮޑުވުމުން އެ ސިޓީގެ ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި މީހުންނަށް ކާންބޯން ތިބެވޭނީ ބޭރުގައި ނުވަތަ ޓެރަހުގައެވެ. އަދި ޕެރިހުގެ ފިޓްނެސް ސެންޓަރުތައް ހުޅުވާނީ ތިން ހަފްތާ ފަހުންނެވެ.

ފްރާންސުގެ ރެސްޓޯރެންޓުތަކާއި ކެފޭތައް ދެން ހުޅުވާއިރު އެއް މޭޒެއްގައި ތިބެވޭނީ ގިނަވެގެން 10 މީހުންނަށެވެ. އަދި މޭޒުތަކުގެ ދެމެދުގައި މަދުވެގެން އެއް މީޓަރު (3.3 ފޫޓު) ހުންނަން ޖެހޭ އިރު ރެސްޓޯރެންޓުގެ މުވައްޒަފުން އަބަދުވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ކަސްޓަމަރުންވެސް ވަދެ ނުކުމެ ހަދާ އިރު މާސްކު އަޅަން ވާނެ އެވެ.

ފްރާންސުގެ ބައެއް ރެސްޓޯރެންޓުންތަކުން ދަނީ ވިޔަފާރިތައް އަލުން ހުޅުވާލާއިރު ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ހޯދަމުންނެވެ. އެގޮތުން ކަސްޓަމަރުން "ޕްލާސްޓިކް ޝީލްޑަކުން" ރައްކާތެރިކޮށްދޭނެ ގޮތްތައް ބައެއް ރެސްޓޯރެންޓުތަކުން ޓެސްޓު ކުރަމުންދާ އިރު ކޮންމެ މީހެއްގެ މެދުގައި ދުރުމިން ބަހައްޓަންވީ މިންވަރު ފާހަގަ ކުރެވޭނެ އެކި ގޮތްތައް އެހެން ވިޔަފާރިތަކުން ދަނީ ހޯދަމުންނެވެ.

ފްރާންސުގެ ފުރަބަންދަށް ލުއި ދޭން ފެށީ މި މަހުގެ 11 ގައެވެ. އޭގެ ފަހުން އެގައުމުގައި ގެއިން ބޭރަށް ނުކުމެ އުޅެވޭ މިންވަރު އިތުރުކޮށް ފިހާރަތަކާއި ޕްރައިމަރީ ސްކޫލުތައް ވަނީ ހުޅުވާފަ އެވެ.

ފްރާންސުގައި މިހާތަަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 149،000 ހުރަސްކޮށް، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 28،000 އަށް ވުރެ އިތުރުވެފަ އެވެ.