30 May 2020, 10:00
މިނިއާޕޮލިސް (މެއި 30): އެމެރިކާގެ މިނިސޯޓާގައި ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރުމަށް ދޮން ނަސްލުގެ ފުލުހަކު އަމަލު ކުރި އަނިޔާވެރި ގޮތާ ގުޅިގެން އެމީހާ މަރުވުމުން، އެ ފުލުސް މީހާގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު މިނިސޯޓާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާގެ ވީޑިއޯއިން ފުލުސް އޮފިސަރު ޑެރެކް ޝޮވިން، 46 އަހަރުގެ ޖޯޖް ފްލޯއިޑްގެ ކަރަށް ފައި އަރުވައިގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި ފްލޯއިޑްއަށް ނޭވާ ނުލެވޭ ކަމަށް ބުނެ އޭނާ އާދޭސް ކުރާ އަޑުވެސް ވީޑިއޯއިން އިވިގެންދެ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްލޯއިޑްގެ އަޑު ހުއްޓެ އެވެ. އެއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފްލޯއިޑް މަރުވެފައިވާ ކަން ހޮސްޕިޓަލުން އެންގި އެވެ.
ފްލޯއިޑް ހައްޔަރު ކުރަން ފުލުހުން ދިޔައީ އޭނާ ފިހާރައެއްގައި 20 ޑޮލަރުގެ ވަގު ނޫޓެއް ބޭނުން ކުރަން އުޅުނު ކަމަށް ބުނެ އެ ފިހާރައިގެ ސޭޓު ފުލުހުންނަށް ގުޅުމުންނެވެ. އޭރު ފްލޯއިޑްގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތްކަމާއި އޭނާ ހައްޔަރުވާން ދެކޮޅު ނަހަދާކަން ސީސީޓީވީ ފުޓެޖުން ދައްކާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ޝޮވިން އާއި އޭނާއާ އެކު ދެން ތިބި ތިން ފުލުހުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި އިއްޔެ ޝޮވިން ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމާއި މީހަކު މަރުވެދާނެ ފަދަ އަމަލެއް ގަސްތުގައި ކުރުމުގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 25 އަހަރަށް އަދި ދެވަނަ ދައުވާއަށް 10 އަހަރަށް ޖަލަށް ލެވިދާނެ އެވެ.
ޝޮވިންގެ މައްޗަށް ދައުވާ ކޮށްފައިވާކަން ހާމަ ކުރައްވަމުން މިނިސޯޓާގެ ހެނެޕިން ކައުންޓީގެ ޕްރޮސެކިއުޓަރު މައިކް ފްރީމޭން ވަނީ އެ ހާދިސާއާ ގުޅުން ހުރި އިތުރު ތިން ފުލުހުންވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އެމީހުންގެ މައްޗަށްވެސް ދައުވާ ކުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފަ އެވެ.
ފްލޯއިޑްގެ މެޑިކަލް ރިޕޯޓުން ދެއްކި ގޮތުގައި ޝޮވިން އޭނާގެ ކަރަށް ފައި އަރުވައިގެން އަށް މިނިޓާއި 46 ސިކުންތު ވަންދެން ހުއްޓެވެ. އަދި ފަހު ތިން މިނިޓުގައި ފްލޯއިޑް އޮތީ އެއްވެސް ހަރަކާތެއް ނެތިފަ އެވެ.
ފްލޯއިޑްގެ މަރަށް ފަހު މިނިސޯޓާގައި ދަނީ އޭނާއަށް އިންސާފު ހޯދައި ދިނުމަށް އެދި އަދި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ޝޮވިން މީގެ ކުރިން މަސައްކަތް ކުރި ފުލުސް ސްޓޭޝަނުގައި ބަޔަކު ހުޅު ޖަހައި އެތަން އަންދާލިއެވެ. އެ ސްޓޭޝަނުގައި ރޯކުރުމުގެ ކުރިން ފުލުހުން ވަނީ އިމާރާތް ހުސްކޮށްފަ އެވެ.
މީގެ އިތުރުން މިނިއާޕޮލިސްގެ އެހެން އިމާރާތްތަކެއްގައިވެސް ހުޅު ޖަހައި، ފިހާރަތައް ލޫޓުވާފައިވެ އެވެ. އޭގެ ސަބަބުން މިނިއާޕޮލިސް އާއި އެ ސިޓީއާ ޖެހިގެން އޮންނަ ސެއިންޓް ޕޯލްގައި ރެއިން ފެށިގެން މާދަމާގެ ހެނދުނާ ހަމަޔަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. މިނިސޯޓާގެ އިތުރުން އެމެރިކާގެ އެހެން ސަރަހައްދުތަކުގައިވެސް ދަނީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.