31 May 2020, 09:51
މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައި ވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހު ކައުންސިލްތަކުގެ ދައުރު ދެން ހަމަވުމުން އެކަމުގައި ހޯދާނެ ދުސްތޫރީ ހައްލަކާ މެދު މަޖިލީހުގައި ހިނގަމުންދާ ހޫނު ބަހުސްތަކަށެވެ. މިއީ އެންމެންގެ މަސްލަހަތާއި ޝައްގުވެރިކަން އޮތް ބަހުސްއެކެވެ. ސަބަބަކަށް ވަނީ ކައުންސިލް އިންތިހާބެއް ބޭއްވެންދެން ރަށްތައް ދެން ހިންގާނެ ގޮތްތަކެއް ތަރުތީބު ވެގެން އަންނާނީ އެ ބަހުސްތައް ނިމި، މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށެވެ.
ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލުތަކުގެ ދައުރު ދިގު ކުރާށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި އެކަމާއި ދެކޮޅު ހެދި އެވެ. އެބޭފުޅުން ދައްކަވާ ސަބަބަކީ މިވަގުތަކީ އާންމު ރައްޔިތުންގެ ގިނަ ހައްގުތަކެއް ހިފެހެއްޓިފައިވާ ވަގުތަކަށް ވުމާ އެކު ގާނޫނު އަސާސީއަށް އިސްލާހު ގެނައުން ރަނގަޅު ނޫން ކަމަށެވެ. އަދި މިހާރުގެ ކައުންސިލަރުންނަކީ ވަކި މުއްދަތަކަށް އިންތިހާބުކޮށްފައިވާ ބަޔަކަށް ވާތީ، އެ މީހުންގެ ދައުރު ދިގު ދެންމުމަކީ ރައްޔިތުން ރުހޭނެ ކަމެއް ނޫން ކަމަށް އެ ގޮތަށް ވަކާލާތު ކުރެއްވި މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
ނަމަވެސް އަނެއްބައި މެންބަރުންގެ ބަހުސަކީ ކައުންސިލަރުންގެ ދައުރު ގާނޫނު އަސާސީގައި މުތުލަގަށް ލިޔެފައި ވަނިކޮށް އެކަން ގާނޫނަކުން ނުކުރެވޭނެ ކަމަށާއި އެހެން ކަމުން ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެންމުން ކަމަށެވެ. އަދި ކައުންސިލަރުންނަކީ އިންތިހާބު ކުރާ ބަޔަކަށްވާއިރު މަޖިލީހުން ނޫނީ ރައީސް ރަށްތައް ހިންގާނެ ބަޔަކު އައްޔަން ކުރުން އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ރޫހާ ހިލާފްކަމެއް ކަމަށް އެ ގޮތަށް ވަކާލާތު ކުރެއްވި މެންބަރުން ވިދާޅުވި އެވެ.
މި މައްސަލަ ހޫނުވެ ހުދު އެމްޑީޕީގެ މެންބަރުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޯޅި އެއްބަސްވުމަކަށް ނުދެވުމުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. ބައެއް މެންބަރުން އެކަމަށް ދެކޮޅު ހެދި ނަމަވެސް، ފާސްވީ ލަފަޔަކަށް އެދޭށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
ސުޕްރީމް ކޯޓުގެ ލަފާ ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު ވަގުތެއްގައި މަޖިލީހަށް ލިބުނު އިރު ސާފުނުވާ ހަމަ އެއްވެސް ކަމެއް ނެތެވެ. އިތުރަށް މާނަކުރަން ނުޖެހޭ ވަރަށް ވަރަށް ތިލަ އިބާރާތްތަކުން އޮތީ މައްސަލައިގައި ދާންވީ މަގު ކޮށާލަ ދީފަ އެވެ. ސުވާލެއް ވެސް މެންބަރުން އުފައްދާކަށް ނުޖެހުނެވެ.
އެންމެ ފުރަތަމަ ކަމަކަށް އޭރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އޮތްގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް ލަފާގައި ފާހަގަކުރި އެވެ. މީގެ ކުރިން ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ މައްސަލައަށް ހައްލު ހޯދޭނީ ހަމައެކަނި ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްގެން ކަމެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރު އިއްތިފާގުވި ލަފައިން އެނުގުނު ގޮތުން ސަރުކާރުގެ ހުށަހެޅުން ވެސް ގޯހެވެ. އެއީ ނިކުންނަ ގާނޫނީ ހުސްކަމަށް ހައްލު ލިބެން އޮތް ގޮތެއް ނޫނެވެ.
"22/2019 [ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު] ގެ ހަތަރު ވަނަ މާއްދާއަށް ގެނެވޭ އެއްވެސް އިސްލާހަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ދަށުން 2017 ގައި ތިން އަހަރު ދުވަހުގެ މުއްދަތަށް އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މަގާމުގެ މުއްދަތު ތިނެއް ޖޫން 2020 އަށް ހަމަވުމުން ލޯކަލް ކައުންސިލުތަކުގެ އިންތިހާބެއް ބޭއްވޭނެ ރައްކާތެރި މާހައުލެއް ގާއިމްވެގެން އާ އިންތިހާބެއް ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން އެ ކައުންސިލަރުންގެ މަގާމުގައި ދެމިތިބެވިދާނެ ކަމަކަށް ނުފެނެ އެވެ." ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވި ލަފާގައި ބުނެފައިވެ އެވެ.
އެކަމަކު ހައްލު ހޯދޭނެ މަގުތަކެއް ސުޕްރީމް ކޯޓުން ދައްކައި ދިނެވެ. ހައްލު ހޯދޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި އެކަން ކުރަންވީ ގާނޫނީ މަގުވެސް ސާފުކޮށްދިނެވެ. އަދި އަކުރުން އަކުރަށް އެކަން ކުރަންވީ ގޮތް ސުޕްރީމް ކޯޓުން ގާނޫނު ހަދާ މަޖިލީހަށް ކިޔައިދިނެވެ. ގާނޫނު ހަދާ މަޖިލީހުގެ އިންތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަދެ، އެ ޒިންމާ މަޖިލީހުން އަދާކުރާނެ ގޮތް ކިޔައިދިނެވެ.
އެގޮތުން މިހާރު މަޖިލީހުގައި އޮތް ގާނޫނަށް ބަދަލުގެނެސްގެން ހައްލު ހޯދޭނެ ކަމަށް ބުނެފައިވެ އެވެ. އެއްގޮތަކީ 231 ވަނަ މާއްދާގެ ނައްސައް ނުވަތަ އަސްލަށް ބަދަލު ގެނައުމެވެ. އަނެއްގޮތަކީ ގާނޫނުއަސާސީގެ އިންތިގާލީ ބާބަށް މާއްދާއެއް އިތުރުކުރުމެވެ. ލަފައާއެކު މަޖިލީހުން ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީއިން އެ ބިލު ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ފަހަތަށް ދެ އަކުރެއް އިތުރުކުރާށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު:
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ޅ):
މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލުތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި އެ ކައުންސިލުތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބު ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލުތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ކ): މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލުތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.
ސުޕްރީމް ކޯޓުން ކޮށައިދިން ގާނޫނީ މަގުން ވަރަށް ފަސޭހަ ހައްލެއް މަޖިލީހުން މި ވަނީ ހޯދައިފަ އެވެ. ސުޕްރީމް ކޯޓުގެ ލަފައިން ގާނޫނީ އެހެން ބޮޑެތި ސުވާލުތަކަކަށް ވެސް ނިމުން ގެނުވި އެވެ. އެގޮތުން މަޖިލީހުގެ މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅު ހެއްދެވި އެއްސަބަބަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކެއް މިވަގުތަށް ހިފެހެއްޓިފައި އޮތުމެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެތަ؟
މި ސުވާލަށް ޖަވާބު ހޯދުމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ރުޖާއަވީ ފެނި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކަށެވެ. އެގޮތުން މީގެކުރިން ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް އަލި އަޅުވާލައި ލަފާގައި ފާހަގަކޮށްފައިވެ އެވެ. މިހާރު މިއޮތީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުތޯ ނޫންތޯ ކުރެވުނު ބަހުސަށް ލަފާގައި ޖަވާބު ދީފައި ވަނީ ހާއްސަ މަޖިލީހުގެ ޔައުމިއްޔާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިއާޔަތް ކުރެއްވުމަށް ފަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ ބަދަލު ނުކުރެވޭނެ ގޮތް އޭރުގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީގައި ލިޔުނީ ކޮން ރޫހެއްގައިތޯ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސާފުކުރައްވައި އެބޭފުޅުންގެ ގާނޫނީ ރައުޔު ހާމަކުރެއްވި އެވެ.
ލަފާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބަޔާންކުރާ 267 ވަނަ މާއްދާ ގާނޫނުއަސާސީގައި ހިމަނާފައި ވަނީ 2004 ވަނަ އަހަރު ދިމާވެފައިވާ ސިޔާސީ ހާލަތަކާއި ގުޅިގެން ކަމަށެވެ. އެއީ، ސިޔާސީ ގޮތުން މަޖިލީހުގެ ގިނަ މެންބަރުންތަކެއް އަދި ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބަޔަކު މަސައްކަތް ކޮށްފާނެތީ އެފަދަ ހާލަތެއްގައި ގާނޫނު އަސާސީ އިސްލާހު ކުރުން ހުއްޓުވުމެވެ.
"މި މާއްދާ ގާނޫނުއަސާސީގައި ހިމަނާފައިވާ އެއް މަގުސަދަކީ 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޭރުގެ ގާނޫނުއަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެ އިއުލާނުގެ ދަށުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ބައިތިއްބައިގެން ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާތީ އެފަދަ ސިޔާސީ ހާލަތެއް ތަކުރާރުވެ ނުދިއުންކަން އެ ޔައުމިއްޔާގައިވާ ބަހުސްތަކުން އެނގެން އޮންނަކަން." ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވާ ގޮތުން މިހާލަތަކީ ގާނޫނުއަސާސީގެ ދަށުން ރައީސްުލްޖުމްހޫރިއްޔާ އިއުލާނު ކުރާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ގާނޫނުއަސާސީގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ގާނޫނުއަސާސީއާ ހިލާފަށް ކަމެއް ހިންގައިފި ނަމަ، އެއީ ގާނޫނަކަށް ބަދަލު ގެނައުން ކަމަށްވިޔަސް އަދި ހުކުމެއް ކަމަށްވިޔަސް އެ ނިންމުމެއް ވާނީ ބާތިލު ނިންމުމަކަށް ވެސް ސުޕްރީމް ކޯޓުގެ ލަފާގައި ކަނޑައެޅި އެވެ. މިއީ ވެސް މީގެ ކުރިން ވަރަށް ބޮޑަށް ބަހުސް ކުރެވެމުން ދިޔަ މައުލޫއެކެވެ. އެހެންކަމުން، އެ ބަހުސަށް ސުޕްރީމް ކޯޓުން ނިމުމެއް ގެނުވީ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރާ ކޮޓަރިއެއް -- ފޮޓޯ/ ސުޕްރީމް ކޯޓު
އެއްވެސް ބާރަކަށް އިން ފަހަނަ އަޅާ ނުދެވޭނެ
ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެއީ ކޯޓަކަށް ކަމަށްވީ ނަމަވެސް އަދި ރައްޔިތުންގެ މަޖިލީހަށް ކަމަށްވީ ނަމަވެސް އެތަނަކަށް ބާރުތައް ބޭނުންކުރެވޭނީ ގާނޫނުއަސާސީގައި ދީފައިވާ މިންވަރަށް އޭގައި ބުނާ ގޮތަށް ކަމަށް ލަފާގައި ބުނެފައިވެ އެވެ. މިއީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރިފައިވާ އަމުރުތަކާއި ހުކުމް ތަކާއި ހިލާފު ވާހަކަ އެކެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ނެރިފައިވާ ބައެއް އަމުރުތަކުގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާއަށް ލިބިގެންވާ ބާރުތައް އެ ކޯޓަށް ނަގާފައިވެ އެވެ. އަދި މަޖިލީހަށް ވަކި ގާނޫނުތައް ހަދަަން އަމުރުތައް ނެރުމާއި ގާނޫނެއްގައި ނެތް އުސޫލުތަކެއް ސުޕްރީމް ކޯޓުން އުފަން ކުރުވުން ފަދަ ކަންކަން ކޮށްފައިވެ އެވެ. އަދި މަޖިލީހުން ހެދި ގާނޫނުތަކުގެ ބައިތައް ބާތިލްކޮށްލުން ފަދަ ކަންކަން ވެސް ސުޕްރީމް ކޯޓުން ކޮށްފައިވެ އެވެ. އެގޮތުން 2018 ވަނަ އަހަރު އެކެއް ފެބުރުއަރީގައި ނެރުނު އަމުރަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގިނަ ބާރުތަކެއް އެއީ ސުޕްރީމް ކޯޓުގެ ބާރުތަކެއް ކަމަށް ކަނޑައެޅި އެވެ. ފަހުން ހަމަ އެ ފަނޑިޔާރުން ތިބެގެން އެ އަމުރު ބާތިލުވެސް ކުރި އެވެ. އެހެން ކަމުން ސުޕްރީމް ކޯޓްގެ އަމުރުން ސާފުވީ ދައުލަތުގެ އެއްވެސް ބާރަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތް ނޫން ކަމަށާއި ގާނޫނު އަސާސީގެ ހުދޫތަކުގެ ބޭރަށް އެއްވެސް ބާރަކަށް ނުދެވޭނެ ކަމެވެ.
"ރައްޔިތުންގެ މަޖިލީހަށާއި ވެރިކަން ވެރިކަން ހިންގާ ފަރާތަށާއި އަދި ކޯޓުތަކަށް ބާރު ލިބިދީފައި ވަނީ ގާނޫނުއަސާސީއިން ސަރީހަ ބަހުން އެފަރާތަކަށް އެބާރެއް ދިން މިންވަރަކަށެވެ. މިއިން ކޮންމެ ފަރާތަކުންވެސް ކަންކަން ހިންގަން ވާނީ އެފަރާތަކަށް ގާނޫނުއަސާސީއިން ދީފައިވާ ބާރުތަކުގެ ދާއިރާގެ ތެރޭގަ އެވެ. އަމިއްލައަށް ބާރެއް ހޯދުމުގެ ނުވަތަ ބާރެއް ލިބިގަތުމުގެ އިހުތިޔާރު ހަމަ މިއިން އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ގާނޫނުއަސާސީގެ އަށްވަނަ މާއްދާއިން އެނގެ އެވެ." ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓެއްގެ ހަގީގީ ބޭނުން ފެނިއްޖެ
ގިނަބަޔަކު ގަބޫލުކުރި ގޮތުގައި ގާނޫނުއަސާސީއާ އެއްގޮތަށް މަސައްކަތްކުރާ ސުޕްރީމް ކޯޓެއް އޮތުމުގެ ބޭނުން މިއަދު ފެނިއްޖެ އެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނީ ދުސްތޫރީ މައްސަލަތަކުގައި ރައްޔިތުންނަށް ވާނުވާ ސާފެއް ނުވެ އެވެ. ސުޕްރީމް ކޯޓުން އަމުރެއް ނޫނީ ލަފައެއް އެރުވި ނަމަވެސް އެ މާނަކުރަން އަދި އެތައް ގާނޫނީ ވަކީލުންނެއް ކައިރިއަށް ދާން ޖެހެ އެވެ. ބައެއް ފަހަރު ސުޕްރީމް ކޯޓުން ނެރިފައި ހުރި އަމުރުތައް އެމީހަކަށް ފެންނަ ގޮތަކަށް މާނަކޮށްގެންވެސް އުޅުނެވެ. އެކަމާ ހެދި، ސުޕްރީމް ކޯޓުން ނެރޭ ލަފާގެ ބޭރުން ސުޕްރީމް ކޯޓުން ނޫސް ބަޔާން ނެރެގެން އެ ލަފައެއް ނޫނީ ހުކުމެއް އިތުރަށް ތަފްސީލްކޮށްދޭން ޖެހިފައިވެސްވެ އެވެ. އެކަމަކު މިފަހަރުވީ އެހެނެއް ނޫނެވެ.
"ވަރަށް ކިޔާލަން ފަސޭހަ ވާނުވާ އެނގޭ ކަހަލަ ލަފައެއް ސުޕްރީމް ކޯޓުން ނެރުނީ. އެންމެ އާންމު ރައްޔިތު މީހާއަށްވެސް އެނގިގެން ދިޔަ ދެން ވާންވީ ކިހިނެއްކަން." ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް
ވަކީލުންނާއި އާންމުގެ އިތުރުން އެންމެ ބޮޑު ފިނިކަމެއް ލިބިގެން ދިޔައީ ހޫނުކޮށް އޮތް މަޖިލީހުގެ ތަޅުމަށާއި އެމްޑީޕީގެ ޕީޖީ ގުރޫޕަށެވެ.
ސުޕްރީމް ކޯޓުގެ ލަފައާ ދެބަސްވާ އެކަކުވެސް ނެތެވެ. މިއީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ކަމަށް ބުނަމުން ދިޔަ މެމްބަރުން ވެސް ރޭ ވަނީ ސުޕްރީމް ކޯޓުގެ ލަފާ ގަބޫލުކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ހޫނު ބަހުސްތަކަކަށް ފަހު ސުޕްރީމް ކޯޓުގެ ލަފައާއެކު އެ ބަހުސަށް ނިމުމެއް ގެނެވިފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން މިއަދު މިނެރުނު ލަފައާ ގުޅިގެން ކައުންސިލުތަކުގެ ދައުރު ހަމަވާއިރު އެ އަންނަ ހުސްކަމަށް ހައްލެއް ގެނެވޭނެ ގާނޫނީ ހަމަތަކެއް ހަމަގައިމު މިއަދު އެ ލަފައިން އަޅުގަނޑުމެންނަށް ލިބިގެން ގޮސްފި." ހިސާން ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައިން ކަންކަން ގެންދަންވީ ގޮތް ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި ވަކިގޮތަކަށް ބަޔާންކޮށްފައި ހުރި ކަންކަން އެ ނޫން ގޮތަކަށް ކުރެވޭނީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެސްގެންކަން ލަފާގައި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"އަދި ހާއްސަކޮށް 231 ވަނަ މާއްދާގެ ނައްސައް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް ނުވާނެ ކަމަށް ނުވަތަ އިތުރު ބާބެއް އިންތިގާލީ ބާބެއްގައި އެބައި ހިމެނިގެންކަން އެއަށް ހައްލެއް އަންނާނީ އެބަ ބަޔާން ކުރޭ." މޫސާ ސިރާޖު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ދެއްވާފައި އޮތް ލަފައަކީ ފުރިހަމަ ލަފައެއް ކަމަށެވެ. ސުޕްރީމް ކޯޓުން ދެއްވާފައި އޮތް ރައުޔަކީ ހުރިހާ ފަރާތެއްވެސް ރުހޭ ގޮތަށް ދީފައި އޮތް ރައުޔެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދެމިޔައެޅި ކަނޑިއެއް ދެވިފައި އެ އޮތީ. ދެ ފެކްޝަނަށްވެސް ފަހިވާނެ ގޮތަކަށް. ދެއްވާފައިވާ އިރުޝާދާއެކީގައި އަޅުގަނޑުމެންނަށް އެބަފެނޭ މީގެ ފަރުވާއެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް." އާދަމް ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ގާނޫނީ ވަކީލަކު ވިދާޅުވީ ފަސް ފަނޑިޔާރު އެއް ރައުޔަކަށް އިއްތިފާގުވީ ނަމަވެސް، ކޮންމެ ފަނޑިޔާރަކު ވެސް އެ ގޮތަށް ނިންމެވި ގާނޫނީ ސަބަބު ވަކިވަކިން ފާހަގަކޮށްފައި އޮތުމާއި އޭގެ ތެރެއިން ހިޔާލު ތަފާތުވާ ބައެއް ކަންކަން ވެސް ކޮންމެ ފަނޑިޔާރަކުން ވަކިން ހިމަނުއްވާފައި އޮތުމުން އެ ލަފާގެ މުއްސަނދިކަން ވެސް ފެނިގެންދިޔަ އެވެ.
"ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިސާޗް ކުރައްވާފައި އިލްމީ ގޮތުން ދެއްވާފައި އޮތް ވަރަށް ފުރިހަމަ ލަފައެއް. މިއީ އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް ފެންނަން ބޭނުންވި ގޮތަކީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ސިޔާސީ ހޫނު ބަހުސްތަކާއި ޒުވާބާއި ދެބަސްވުމުގެ ތެރޭ ތާށިވެ، ގާނޫނީ ހުސްކަމަކަށް ދައުލަތް ފުރޮޅެމުން ދަނިކޮށް ފިނިކަމެއް ހޯދައިދިނީ މިފަހަރު ސުޕްރީމް ކޯޓުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރުގެ ތެރެއަށް ނުވަދެ ސުޕްރީމް ކޯޓުން އެ ކޯޓްގެ ގާނޫނީ ޒިންމާ އަދާކުރީ އެވެ. މީގެ ކުރީ ފަހަރުތަކާއި ހިލާފަށް މިފަހަރު ސުޕްރީމް ކޯޓުން އޮތީ، ސުވާލެއް ނުއުފެދޭނެ ގޮތަށް ސާފު ސީދަލަށް ގާނޫނީ މަގެއް ކުރަހައިދީފަ އެވެ. މުޅި ދައުލަތް ބައިވެރިވެ، ބޮޑު މައްސަލައަކަށް ދުސްތޫރީ އަމާން އޮމާން ހައްލެއް ހޯދައިދިނީ އެވެ. މިއީ ގާނޫނީ ތަސައްވަރު ކުރި ސުޕްރީމް ކޯޓެއް އޮތުމުގެ ބޭނުމެވެ. ހަމަނުޖެހުމެއް ނެތް އޮމާން ހައްލުތަކެއް ކަންކަމަށް ނެރުމެވެ. ކޮންމެ ބާރަކަށް ވެސް ލިބިގެންވާ އިމުގެ ތެރެއިން އެކަން ކުރެވޭނެކަން ސުޕްރީމް ކޯޓުން ސާބިތުކޮށްދިނީ އެވެ.