30 May 2020, 03:40
ކޮވިޑް 19 އަށް އިތުރު 44 މީހަކު ޕޮޒިޓިވްވެ މިއަދު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 78 ކަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިރޭ މެންދަމު 3:30 އާ ހަމައަކަށް އާ ކޭސްތަކެއްގެ ގޮތުގައި 44 ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ބަންގްލަދޭޝް މީހުންނާއި 13 ދިވެހިން އަދި ދެ އިންޑިއާ މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިރޭގެ އިރާކޮޅު އެޗްޕީއޭއިން ބުނެފައިވަނީ 34 ކޭސްއެއް ޕޮޒިޓިވްވި ކަމަށެވެ. އެއާ އެކު މިއަދު ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 78 އަކަށް އަރާފަ އެވެ. އަދި މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1591 އަށް ވަނީ އަރާފަ އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ނޯމަލް އަދަދެއް ކަމަށެވެ. ނަމަވެސް މިއަދު މިވަނީ އެ އަދަދު ފަހަނައަޅާ ގޮސްފަ އެވެ.
މިހާރު ރާއްޖޭގައި ތިން ތަނަކުން ކޮވިޑް ޓެސްޓްތައް ހަދަ އެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޕޮލިސް ކެބޯޓްރީއިންނެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ އެންއީއޯސީއިން ވަނީ މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު 242 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.