27 Dec 2011, 18:06
ޤައުމީ ސަލާމަތާ ބެހޭ ކަންކަން ހިމާޔަތް ނުކުރާ މީޑިޔާތައް ބަންދުކުރާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީ އިން ބައެއް މީޑިޔާތަކަށް ސިޓީ ފޮނުވާފައި ވަނީ މީޑިޔާތަކަށް ބިރުދެއްކުމަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މި ހެން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ޑިފެންސްސް މިނިސްޓްރީން ބައެއް މީޑިޔާތަކަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޑިފެންސް މިނިސްޓަރަށާއި މޭޖާ ޖެނަރަލް މޫސާ އަލީ ޖަލީލަށް އެކޮމިޝަނުން ފޮނުވި ސިޓީއެއްގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ މިނިވަން ކަމާ އެކު މީޑިޔާތައް ހިންގަމުންދަނިކޮށް ''އިންޒާގެ'' ސިޓީއެއް މީޑިޔާތަކަށް ފޮނުވުމަކީ މީޑިއާ ބިރުގެންނެވުމަށް ކުރެއްވި ކަމެއް ކަމަށެވެ.
"ޑިމޮކުރަސީ އަށް ފައްކާވަމުން އަންނަ ދުވަސްވަރެއްގައި، އަދި ޑިމޮކުރަސީގެ މިކަހަލަ ބާރުތައް ބެހި، މިނިވަން މުސަތަގިއްލު މުއްސަސާތަކެއް އުފެދި މިނިވަން ކަމާ އެކު މީޑިޔާ ވެސް ހަރަކާތްތެރިވަމުންގެންދާ މި ފަދަ ދަނޑިވަޅެއްގައި، މި ކަހަލަ ސިޓީއެއް ފޮނުވުން ނުވަތަ މި ކަހަލަ ގޮތަކަށް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ކޮމިޝަނުން ދެކެނީ މިއީ މީޑިޔާ އަށް ބިރުދެއްކުން ކަމުގައި،" ޑިފެންސް މިނިސްޓަރަށް ފޮނުވި ސިޓީގައިވާ އިބާރާތާ ހަވާލާދެއްވައި ޝަހީބު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ބްރޯޑްކާސްޓިން ކޮމިޝަނުންގެ ރައީސް ބަދުއްރުއް ނަސީރު ވިދާޅުވީ ޤަނޫނީ ގޮތުން ވަކި ވަކި މުއްސަސާތަކެއް އުފައްދަވާފައިވަނިކޮށް އެފަދަ ގޮތަކަށް ސިޓީއެއް ފޮނުވަމަކީ ކަމާ ބެހޭ މުއްސަސާތަކުގެ ބާރު ކަނޑުވާލުން ކަމުގަ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީން މީޑިޔާތަކަށް އެފަދަ ސިޓީއެއް ފޮނުވާފައިވާ އިރު ފިޔަވަޅު އަޅުއްވާނީ ކޮން ކަންތައްތަކެއް ކަން މީޑިޔާ އިން ކޮށްގެން ކަމެއް ތަފްސީލްކޮށް ބަޔާން ކޮށްފައިނުވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ ދަށުން އެ ކޮމިޝަނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތުތަކަށް އެއްވެސް މުއްސަސާއަކުން ހުރަސްނޭޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.