30 May 2020, 00:00
މާލޭ ފުރަބަންދަށް ލުއިތަކެއްދީ، ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ވަގުތު އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ރައްޔިތުން މަސް މާރުކޭޓަށް މަސް ގަންނަން ނުގޮސް، މަސް ޑެލިވަރީ ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނި، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރިއެވެ.
އެއާއެކު މަސްވެރީންނަށް މަސް ވިއްކުމަށް ދަތިތަކެއް ދިމާވި އިރު، އާންމުންނަށް ވެސް މަސް ހޯދުމުގައި ދަތިތަކެއް ދިމާވިއެވެ.
މާރުކޭޓު ސަރަހައްދު އެއްކޮށް ސާފުކޮށް، މަސް މާރުކޭޓުން މަސް ޑެލިވަރީ ކޮށްދޭން ފަށާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ކައުންސިލުން ވެސް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ހިތްވަރުދެނީ ޑެލިވަރީއަށް ދިއުމަށް ކަމަށެވެ.
"އެއްގޮތަކަށް ވެސް މަސް ގަންނަން މާރުކޭޓު ސަރަހައްދުގެ ކައިރިއަށް ދިއުމަށް އަދިއެއް ފުރުސަތެއް ހުޅުވާލެވިފައެއް ނެތް މި ދެވޭ ކުޑަކުޑަ ފުރުސަތުގެ ތެރޭގައި ވެސް. މާރުކޭޓު ސަރަހައްދުގެ ކަންތައްތައް އެހާ މީހުން ބޮނޑިވެ އުޅުމަކީ މިވަގުތުވެސް އެހާ ރަނގަޅު ކަމަކަށް ނުވޭ،" މޭޔަރު ވިދާޅުވިއެވެ.
ގައިދުރުކަން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން ސިޓީ ކައުންސިލްގެ އިލްތިމާސް އާ އެއްގޮތަށް ރައްޔިތުންްގެ އަމަލުތައް ބެހެއްޓުމަށް މޭޔަރު އެދިވަޑައިގަތެވެ.
ލުއިތަކަކާ އެކު މާލެ ސަރަހައްދުގެ ފުރަބަންދު ވަނީ އިތުރު 14 ދުވަހަށް ދަންމާލައިފައެވެ. މިހާތަނަށް ރާއްޖެއިން 1،547 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.