29 May 2020, 23:34
ރަށުގައި ލިބެން ނެތް ސިއްހީ ފަރުވާއެއް ހޯދަން، އެހެން ރަށަކަށް ދަތުރުކުރުމަށް ފުލުހުންގެ ހުއްދަ ބޭނުން ނުވާނެ ކަމަށާއި، އެކަމަށް ހުއްދަ ދޭނީ އެރަށެއްގައި ހުންނަ ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިހާރު ބައެއް ރަށްތަކުގައި ލުއިތަކެއް ދީފައި ވީނަމަވެސް، ރަށްތަކުގެ މެދުގަައި ދަތުރުކުރުންް އަދިވެސް މަނާވާނެ ކަމަށެވެ.
އެހެން ނަމަވެސް މުދާ ސަޕްލައިކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ފުލުހުންގެ ހުއްދައާއެކު ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ސިއްހީ ކަމެއްގައި އެއް ރަށުން އަނެއް ރަށަކަށް ދަތުރުކުރަން ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، އެކަމަށް ހުއްދަ ދޭނީ އެރަށެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހާއްސަކޮށް، މެޑިކަލް ފަރުވާއެއް ކޮންމެހެން އެރަށުން ލިބެން ނެތިގެން، އެހެން ރަށަކަށް ދާން ޖެހޭ ހާލަތެއް އަތުވެއްޖެއްޔާ އެ ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒުން އެފަރާތަކަށް އެކަމުގެ ހުއްދަ ދެއްވީމަ އެ ދަތުރުގެ ކަންކަން އިންތިޒާމް ހަމަޖެހިގެންދާނެ. ސިއްހީ ފަރުވާއަކަށް ފުލުހުންގެ ހުއްދަ ހޯދާކަށް ކޮންމެހެން ޖެހިވަޑައިނުގަންނަވާނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ހުއްދަ ލިބުމުން، ކައުންސިލުން ދަތުރުގެ ކަންކަން ހަމަޖައްސާދޭނެ ކަމަށެވެ.
ބަލި މީހާގެ އިތުރުން ދެން އުޅަނދުގައި ދަތުރުކުރާ ކައްޕި އާއި ފަޅުވެރިންނަށް، އުޅަނދުން ނުފޭބޭނެއެވެ. ފައިބާނަމަ އެކަމަށް ފުލުހުންގެ ހުއްދަ ހޯދަންޖެހޭނެއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވާއިރު މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްތަކުގެ ރައްޔިތުން ގައިދުރުކޮށް އުޅުމަށް އަންގައި ލުއިތަކެއް ވަނީ ދީފައެވެ.
އެގޮތުން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްގައި ބުނެފައި ވަނީ ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުޅުވާލާފައިވާއިރު އެ މަސައްކަތް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ޖެހޭނެކަމަށެވެ.
މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ބުނެފަ އެވެ.
އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.