ހދ. ނައިވާދޫ އިންޖީނުގެ އަށް ޖަނެރޭޓަރެއް ގެނައުމުގައި އެ ރަށުގެ ކުރީގެ ކައުންސިލަރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަން ފޮނުވައިފި އެވެ.

އޭސީސީން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ 2009 ވަނަ އަހަރު އެ ރަށު އިންޖީނުގެ އަށް ރައްޔިތުންގެ ޚަރަދުގައި ގެނައި ޖަނެރޭޓަރު ގެނައުމުގައި އެ ރަށުގެ ކުރީގެ ކައުންސިލަރު ނައިވާދޫ ، ނަފާ މުހައްމަދު ޝަފީގު އާދަމް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދީފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.

އަދި ޖަނެރޭޓަރު އެ ރަށަށް ގެނެސް ޖަނެރޭޓަރު އިންސްޓޯލް ކުރުމަށް ޓަކައި ޖަނެރޭޓަރު ވިއްކި ކުންފުންޏާ ގުޅައިގެން ޝަފީގު އޭނާގެ އާއިލާގެ މީހަކު ލައްވައި ޖަނެރޭޓަރު އިންސްޓޯލް ކުރުވައި، އެ ފަރާތަށް ފައިދާ ހޯދައިދީފައިވާ ކަން ވެސް ތަހުގީގުން އެނގެން އޮތުމުންނެވެ.

އޭސީސީން ބުނީ ޖަނެރޭޓަރު ގެނައުމުގައި 14750ރ.ގެ ފައިދާއެއް ނާޖާއިޒް ގޮތުގައި ޝަފީގު ހޯދާފައިވާ ކަން އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގޭ ކަމަށެވެ.

އެ ރަށު އިންޖީނުގެ އަށް އެ ޖަނެރޭޓަރު ގަތުމުގެ ސަބަބުން އެރަށު ރައްޔިތުންނަށް 20336ރ.ގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ޝަފީގުގެ އަތުން ހޯދުމަށް ޕީޖީގައި އެދިފައި ވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭނާގެ މައްޗަށް ދައުވާ ދައުވާކޮށް ދިނުމަށް ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އާ ހަވާލާދީ ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެވެ.