14:30


އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ދަޑިވަޅެއްގައި އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ތިން މެންބަރަކު ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވައިފި އެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ކެންސަލްކުރީ، އެ އެގްރީމެންޓްގައި ސޮއިކުރުމާ މެދު، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ބޯޑު މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިކަހަލަ ކަމަކަށް މުޅި ބޯޑު އިއްތިފާގުވާންޖެހޭނެ ކަމަށް އެ ބޯޑުގެ ގަވައިދުގައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއާއެކު ސަރުކާރުން ވަނީ އެ ބޯޑަށް ބަދަލު ގެނެސް، އާ ބޯޑެއް އެކުލަވާލައިފައި ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.


ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އަދި އިއްޔެ އެބޯޑުގެ ބައްދަލުވުމެއް ބޭއްވި ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ދެތިން ބޭފުޅެއްގެ ހިޔާލު މާލޭ އެކަމުގައި ތަފާތުވުމުގެ ސަބަބުން ޖަލްސާ ދިގުދެމިގެން ގޮސްފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި އޭގެފަހުން ތިން މެންބަރަކު އެބޯޑުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވެސް އަދި އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ވެސް އެނގިވަޑައިގެންފައިނުވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރާއި އަދި އިތުރު މެމްބަރެއް މިވަގުތު އުޅުއްވަނީ ރާއްޖޭން ބޭރުގައި ކަމުން އެކަމާ ބެހޭ އިތުރު ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ އިބްރާހިމް ނޫރައްދީނާއި، މޫސާ ސޯލިހާއި، މުހައްމަދު އިބްރާހިމާއި، ޝާޒް ވަލީދާއި، މުހައްމަދު އަމީން އަދި ހުސެއިން ޝިރާޒެވެ.