މިނިއާޕޮލިސް (29 މޭ 2020) : އެމެރިކާގެ މިނެސޯޓާ ގެ ރަށެއްކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް އެގައުމުގެ ކަޅު ނަސްލުގެ މީހަކު މަރާލުމާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އާންމުން ނުކުމެ އެސިޓީގައި ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

މުރާސިލުން ބުނާގޮތުން އާންމުންވަނީ ރުޅިއައިސްގެން އެތަށް ތަންތަނެއް ލޫޓުވާލައި އަދި ބައެއް ތަންތަނުގައި ހުޅުޖެހުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައެވެ. އާންމުންގެ ރުޅިވެރިކަން ހައްދުން ނެއްޓުނީ މިނިއާޕޮލިސްގެ ފުލުހުން ކަޅުނަސްލުގެ އެމީހާ މަރާލި އަނިޔާވެރި ގޮތުގެ ސަބަބުންނެވެ.

އެޖަރީމާ ހިންގީ ދޮންނަސްލުގެ ފުލުހުންނެވެ. ދޮންނަސްލުގެ ފުލުހުން ކަޅުނަސްލުގެ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގުމަކީ އެމެރިކާގައި އާންމުކަމަކަށްވެފައި އެކަން އެމެރިކާގެ ސަރުކާރުތަކަށް ނުހުއްޓުވުމަކީ އަދި އިންސާފު ގާއިމް ކުރުމުގައި އެމެރިކާގެ ސަރުކާރުތައް ނާކާމިޔާބު ވުމަކީ އާންމުންގެ ރުޅިވެރިކަން ހައްދުން ނެއްޓިގެންދާން ޖެހުނު ސަބަބެކެވެ.

ރުޅިވެރިކަން ފާޅުކުރަމުންދާ އާންމުންވަނީ މިނިއާޕޮލިސްގެ ފުލުހުންގެ މަރުކަޒެއްގައިވެސް ރޯކޮށްލާފައެވެ. އެވަރުން އެމެރިކާގެ ފުލުހުންނަށް ފިލާވަޅެއް ލިބޭނެކަމަށް ހަމަނުޖެހުންތައް ހިންގުމުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުން ބުނެއެވެ.

މިނިއާޕޮލިސް ގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވިގެން މިނެސޯޓާ ގެ ގަވަރުނަރު ޓިމް ވޯލްޒް ވަނީ އެސްޓޭޓްގެ ނެޝަނަލް ގާޑުންގެ އެހީތެރިކަމަށްވެސް މިހާރު އެދިފައެވެ. ވޯލްޒް ވިދާޅުވީ ހުޅުޖެހުމާއި ލޫޓުވުމުގެ އަމަލުތަކުގެ ސަބަބުން އެތަށް ފިހާރައެއް ހަލާކުވެފައިވާކަމަށާ ފިހާރަތަކުން އެއްބައި މުދާތައް ވަގަށް ނަގާފައިވާއިރު އަނެއްބައި މުދާތައް އަންދާލާފައިވާ ކަމުގައެވެ.

ފުލުހުން ކަޅުމީހާ ގެ ކަރަށް ފައިން އަރައި މަރާލަނީ

މިނިއާޕޮލިސްގެ އާންމުން މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފެއްދީ އެސިޓީގެ ފުލުހުން ކަޅުނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށްފަހު އޭނާގެ ކަރަށް ފައިން އަރައި ހާސްކޮށްލައިގެން މަރާލުމާ ގުޅިގެންނެވެ.

މިކަން ކުރީ ވަގުޑޮލަރު ތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފްލޮއިޑް ހައްޔަރު ކުރަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައެވެ. ހައްޔަރުކުރަން ކުރި މަސައްކަތުގައި ފުލުހުންވަނީ ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށްފަހު ކަރަށް ބޫޓުންއަރައި ހާސްކޮށްލައިގެން ގަސްދުގައިކަމާއި މަރާލިމަންޒަރު ބަލަން އެހެން ތިން ފުލުހަކު އެތަނުގެ ކައިރީގައި ތިބިކަން އެކަމާބެހޭ ވީޑިއޯއިން ވަރަށް ރަނގަނޅަށް ހާމަވާކަމަށް އާންމުން ބުނެއެވެ.

އެހެންކަމުން އެޖަރީމާއާ ގުޅިގެން އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތް ފަރާތްތަކުން ގޮވާލަމުންދަނީ އެޖަރީމާ ހިންގި ފުލުހުންގެ ދޮން މީހާއަށާއި އެމަންޒަރު ބަލައި އެކަމަށް ހިއްވަރު ދޭންތިބި ފުލުހުންގެ އަނެއް ތިން މީހުންނަށް މަރުގެ އަދަބު ދިނުމުގެ ދައުވާ އުފުލުމަށެވެ.

އެތިން މީހުންނަކީވެސް ދޮން މީހުން ކަމަށްވާއިރު މިނެސޯޓާ ގެ ސްޓޭޓް ޕްރޮސެކިއުޓަރުން ބުނަނީ އެގޮތަށް އަދި ދައުވާ ނުއުފުލޭނެކަމަށާ އެޖަރީމާ އިތުރަށް ތަހްގީގް ކުރަންޖެހޭ ކަމުގައެވެ. އާންމުންގެ ރުޅިވެރިކަން އިތުރުވީ މިކަމުގެ ސަބަބުންނެވެ.

ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހަތަރު ފުލުހުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް ފްލޮއިޑް މަރާލުމުގެ ޖަރީމާއަށް މިވަރު ނުފުދޭކަމަށް އާންމުން ބުނެއެވެ.

ނަސްލީ އިމްތިޔާޒުގެ ވިސްނުން އެމެރިކާގައި މިހާރުވެސް އިންތިހާއަށް އޮންނައިރު އެމެރިކާގެ ފުލުހުންގެ ދޮންމީހުންގެ ތެރޭގައި މިކަން އާދަޔާ ޚިލާފަށް އޮވެއެވެ. މީގެއިތުރުން ކަޅު މީހަކަށްވާތީ އެމީހަކު މަރާލުމުގެ ހަރުކަށި ވިސްނުން ގެންގުޅޭ ދޮންމީހުންވެސް އެމެރިކާގައި ވަރަށް ގިނައެވެ. (ނޫސްއެޖެންސީތައް)