29 May 2020, 17:33
ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ މެެދު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އިސްތިޝާރީ ލަފާ މިއަދު ދީފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަށް ފާސްކުރަން ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ މަޖިލީހުގެ 41 ވަނަ ޖަލްސާގައެވެ.
އެރޭގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޖަލްސާ އެ ރޭ ނިންމާ ނުލައި، މެދުކަނޑަލަައްވާނީ ކަމަށާއި ސުޕްރީމް ކޯޓުގެ ލަފާ ލިބުމުން އެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެހެންކަމުން މިރޭ އޮންނާނީ އެ މަޖިލީހުގެ 41 ވަނަ ޖަލްސާ އެ ހިސާބުން ކުރިއަށް ގެންދިއުމެވެ.
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބަދު ދަވަހުގެ ރޭގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ލަފާ ދީފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ އެ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން، ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށެވެ.
ޖޫން މަހުގެ ތިންވަނަ ދުވަހު ކައުންސިލަރުންގެ ދައުރު ހަމަވާއިރު، ދެން އަންނާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.