ވިލާ ގުރޫޕުން ހިންގާ ފުލައިމީގެ ދަތުރުތައް ހުއްޓުވާލައި އެ ކުންފުނިން ހިންގާ ފަސް ރިސޯޓުގެ ސްޕާ ބަންދުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބޭ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުން ތަމްސީލްކުރާ ގައުމީ ޖަމްއިއްޔާ، މަޓާ ޓޯއިން އިން ބުނެފި އެވެ.

މަޓާޓޯ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރެއްގައި ފުލައިމީގެ ދަތުރުތައް ހުއްޓާލުމުން ރިސޯޓްތަކަށް ދާ އެތައް ޓޫރިސްޓުންނަކަށް ދަތިތަކާއި ކުރިމަތިވި ކަމަށެވެ. އަދި ބުނަނީ ރާއްޖޭގެ ބައެއް ރިސޯޓުތަކަކުގެ ސްޕާތަކަށް އައުމަށް ޓޫރިސްޓުން ކުރިއާލައި ބުކިންސް ހައްދާފައިވާ ކަމަށާއި ކުއްލި ގޮތަކަށް ސްޕާތަކެއް ބަންދު ކޮށްލުމުން ޓޫރިސްޓުންނަށް ދެމުން އަންނަ ސްޕާގެ ހިދުމަތަށް ބުރުއަރާ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީން ހިންގި ޒިންމާދާރުކަން ކުޑަ އެ އަމަލު ހިންގާފައި ވަނީ އެއްވެސް ވަރަކަށް ތަހުގީގެއް ނުކޮށްކަން މި ޖަމްއިއްޔާ އިން ބެލި ބެލުމުން އެގެ އެވެ. މި ދުވަސްވަރަކީ ޓޫރިޒަމްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރު ކަމުން ޓޫރިޒަމް މިނިސްޓްރީ އިންނާއި ސަރުކާރުން އެ ހިންގި އަމަލަކީ އިއާދަނުކުރެވޭނެ ސީރިއަސް މައްސަލަތަކެއް ނިކުމެދާނެ ކަމެކެވެ،" އިނގިރޭސި ބަހުން ނެރެފައިވާ އެ ބަޔާނުގައިވެ އެވެ.

ވިޔަފާރިތައް ފިއްތުމަށް ސަރުކާރުން ހިންގި އެ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި އޮޕަރޭޓްކުރާ އިންޓަނޭޝަނަލް ޗެއިންތަކުގެ ކަންބޮޑުވުން އިތުރުވެ އެމީހުންގެ އިތުބާރު ގެއްލުމަކީ ގާތްކަމެއް ކަމަށާއި އިގްތިސޯދަށް އެކަމުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު މަޓާޓޯ އިން ވަނީ ދީފަ އެވެ.

"މި އިންޑަސްޓްރީގައި ރާއްޖެ އަށް ރީތިނަން ހޯދުމަށް 40 އެތައް އަހަރެއް ނެގި އެވެ. މިއީ ސަރުކާރާއި އާންމު ފަރުދުންގެ ވަރަށް ބޮޑު މަސައްކަތެކެވެ. ހެޔޮ ގޮތުގައި އަމަލުނުކުރެވިއްޖެ ނަމަ މި ނަން އިސާހިތަކު ކިލަބު ވެދާނެ އެވެ،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބައެއް ހިއްސާ ކުރާ ޓޫރިޒަމްގެ ސިނާއަތް ސިޔާސީ ކަންކަމުން އެއްފަރާތް ކުރުމަށް ސަރުކާރަށާއި އަމިއްލަ ކުންފުނިތަކަށް ވަނީ ގޮވާލާފަ އެވެ. އަދި މިހާރު ޖެހިގެން އުޅޭ މައްސަލަ ވެސް ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް ވެސް އެ ޖަމްއިއްޔާ އިން ގޮވާލި އެވެ.