29 May 2020, 09:24
އުތުރު ކެރޮލައިނާގެ ކާރު ދޮންނަ ކުންފުންޏެއްގެ މުވައްޒަފަކަށް އެތަނުގެ ޑަސްބިނުން ފެނިފައިވާ 1،200 ޑޮލަރުގެ ސްޓިމިއުލަސް ޗެކެއް، އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އެވަންސް ސްޓްރީޓް ކާ ވޮޝް ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އެންޓޯނިއޯ ހާނެންޑޭޒް ޑަސްބިން އުކާލަން ދަނިކޮށް އޭގެ ތެރެއަށް ވެއްޓިފައި އޮތް ޗެކެއް ފެނުނެވެ. އަދި ޗެކް އޮތީ އެ ކުންފުނީގެ ރިސީޓެއްގެ ތެރޭގައި ކަމަށް އެންޓޯނިއޯ ބުންޏެވެ.
އެއާއެކު އެންޓޯނިއޯ އޭނާގެ އަންހެން ދަރިފުޅު މިޝެލް އަލްވަރާޑޯގެ އެހީއާއެކު އެ ޗެކުގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ކުރިއެެވެ. އަދި އެ ޗެކުގެ ވެރި ފަރާތް ހޯދައި އެ ޗެކު ވީހާވެސް އަވަހަށް ހަވާލުކުރުމަށް ބޭނުންވި ކަމަށް އޭނާ ބުންޏެވެ.
"ބައްޕަ ދެވަނަ ވަޒީފާއަށް ދިޔުމުގެ ކުރީން އަހަރެންނާ ޗެކު ހަވާލުކޮށްފައި ދިޔައީ. އޭގެ ވެރި ފަރާތް ހޯދުމަށް މަސައްކަތް ކުރުމަށް އެދި. އެކަމުގައި މަންމަގެ ފަރާތުން އެހީ ހޯދުމަށްވެސް ބައްޕަ އެދުނު،" މިޝެލް ކިޔައިދިނެވެ.
ޗެކުގައިވާ މައުލޫމާތު މެދުވެރިކޮށް މިޝެލް އާއި އޭނާ މަންމަ ވެގެން ވަނީ ޗެކުގެ ވެރި ފަރާތް ސޯޝަލް މީޑިއާ މެދުވެރިކޮށް ހޯދާފާއެވެ. އަދި އޭގެ ފަހުން އެ ޗެކު ވަނީ އޭގެ ވެރިފަރާތުގެ ގެއަށް ގެންގޮސްފައެވެ.
"ދިޔަ އިރަކު ނެތް އެގެއަކު އެއްވެސް މީހެއް. ދެން އެ ޗެކު ބާއްވާފައި އައީ. އަނެއް ދުވަހު ޗެކުގެ ވެރި މީހާ ގުޅި. ވަރަށް އުފާވެފައި ހުރީ. ބުނީ މީހުން ވަރަށް ނުކޮށްދޭނެ ކަމެކޭ އެއަކީ،" މިޝެލް ބުންޏެވެ.