27 Dec 2011, 16:20
މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކުރި ބޮޑު މުޒާހަރާގައި މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް އަޑުއުފުލާފައި ވާތީ މުޅި ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ވިސްނާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް ބޮޑު މުޒާހަރާގައި ގޮވާލާފައިވާ އިރު، ބައެއް ރިސޯޓްތަކުގައި 400 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ ކަމަށާއި އެހެންވީމާ ]މީހުން ދިރިއުޅޭ ރަށްރަށާއި ނޫޅޭ ރަށްރަށް[ ކަނޑައަޅަން ޖެހޭ ކަމަށެވެ.
"މީހުން ދިރިއުޅޭ ރަށްރަށް ކަނޑައަޅާނެ މިންގަނޑުތަކެއް، އެބޭފުޅުން ވިދާޅެއް ނުވޭ، މީހުން ދިރިއުޅޭ ރަށްރަށް ކަމަށް ތިޔަ ބައްލަވާ ރާއްޖޭގެ އާދައިގެ މީހުން ދިރިއުޅޭ ރަށެއްގައި ދުއިސައްތަ ތިންސަތޭކަ މީހުން އުޅޭ އިރު ރިޒޯޓެއްގައި އެބައުޅޭ 400 އަށް ވުރެ ގިނަ ދިވެހިން. އެމީހުން ނިދައި ކައިބޮއި ދިރިއުޅެނީ އެތަންތާނގައި،" ޒުހައިރު ވިދާޅުވި އެވެ.
މުޒާހަރާގައި ޑިމާންޑް ކުރި އަނެއް ކަމަކީ ސްޕާތައް ބަންދުކުރުން ކަމަށާއި އެފަދަ ތަންތަނުގެ ތެރެއިން ހަށި ވިއްކާ ތަންތަނީ އަދި ނުވިއްކާ ތަންތަނަކީ ކޮބައިކަން ވަކިކުރަން ނޭނގޭ ކަމަށާއި އެހެންވީމާ ސަރުކާރުން ވިސްނީ އެފަދަ ހުރިހާ ތަނެއް ބަންދުކުރަން ކަމަށާއި ބަންދުކުރަމުން ދަނީ ވަކި މީހެއްގެ ވަކި ތަނެއް ނޫން ކަމަށް ޒުހައިރު ވިދާޅުވި އެވެ.
މުޒާހަރާގައި ޑިމާންޑްކޮށްފައިވާ އެހެން ކަމެއް ކަމަށްވާ އިޒްރޭލު ފްލައިޓް ޖެއްސުމުގެ ކަންތައް ހުއްޓުވުމުގެ ފުރަތަމަ އިހުތިޔާރު އޮތީ އިޒްރޭލުގެ މީހުން ގެނައުމަށް ރިޒަވޭޝަން ހަދާފައިވާ ވިޔަފާރިވެރިންގެ އަތްމަތީގައި ކަމަށާއި އެ ވިޔަފާރިވެރިން ރިޒަވޭޝަންތައް ކެންސަލްކުރީމާ ފްލައިޓް އައުން ހުއްޓޭނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން އެކަމުގައި އެހެން ގޮތަކަށް ވިސްނާނީ އެ ވިޔަފާރިވެރިން އެކަން ނުކުރައްވައިފި ހާލަތެއްގައި ކަމަށެވެ.
މުޒާހަރާގެ ޑިމާންޑްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހުރި މޮނިއުމެންޓްތައް ނެގުމުގެ ފުރިހަމަ އިހުތިޔާރު ލާމަރުކަޒީ ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް އޮންނާނެ ކަމަށާއި އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.
އދ. ގެ ހިއުމަންރައިޓްސް ކޮމިޝަނަރ ނަވަނެތަމް ޕިއްލޭ ރާއްޖެ ވަޑައިގަތް މައްސަލައިގާ ޒުހޭރު ވިދާޅުވީ އދ.ގެ އޮފީހެއް ރާއްޖޭގައި ހުންނަ ކަމަށާއި އޭނާ ވަޑައިގަތީ އެ އޮފީސް މެދުވެރިވެގެން އޭނާގެ މަސައްކަތްޕުޅުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ދަތުރުގައި ޕިއްލޭ ރައީސާ ބައްދަލުކުރެއްވި އިރު މުސްލިމަކު ކަންބޮޑުވާން ޖެހޭ ފަދަ އެއްވެސް ވާހަކައެއް އޭނާ ނުދައްކަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ޕިއްލޭ ދެއްކެވި ވާހަކަފުޅާ މެދު ޖަވާބުދާރީ ވާން ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
މީގެ ކުރިން ތަކެތީގެ އަގު އުފުލުމާއި ޑޮލަރުގެ އަގު ބޮޑުވުމުގެ މައްސަލައިގާ ރައްޔިތުން ކުރި މުޒާހަރާއަށް މިގޮތަށް އިޖާބަ ނުދެއްވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒުހައިރު ވިދާޅުވީ އެފަހަރު މުޒާހަރާގައި އިސްކޮށް އުޅުނު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ތިބި ކަމަށާއި މަޖިލީހުގެ ތެރެއިން އެކަން ހައްލުކުރުމުގެ ފުރުސަތު އެ ޕާޓީތަކަށް އޮތް ކަމަށެވެ.
ނަމަވެސް މިފަހަރު މިކުރި މުޒާހަރާގައި އިސްކޮށް އުޅުނީ އަދާލަތު ޕާޓީ ކަމަށާއި އެ ޕާޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވެސް ނެތުމާ އެކު ރައްޔިތުންގެ ތެރެއިން އެހާ ގިނަ ބަޔަކު އެ ބޭފުޅުންނާ އެކު ނުކުންނެވުމުން ސަރުކާރުން އެކަމަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ.