27 Dec 2011, 16:06
އިނގިރޭސި ޕްރެމިއާ ލީގުގައި ވެސްޓް ބްރޮމް އިން މެންޗެސްޓާ ސިޓީ ހިފަހައްޓައިފި އެވެ.
ފުލަމް އިން ރޭ ޗެލްސީ ހިފެހެއްޓި އިރު، ބްލެކްބާން އިން ވަނީ ލިވަޕޫލް ހިފަހައްޓާފަ އެވެ. ޑިމިޓްރީ ބާބަޓޯވްގެ ހެޓްރިކާއި އެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ މެންސިޓީ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފަ އެވެ.
މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި މެންސިޓީ އަށް ވެސްޓް ބްރޮމްގެ މައްޗަށް ކުރި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ވެސްޓްބްރޮމް އިން ވަނީ އެޓީމު ކޮޅަށް ލަނޑެއް ވަނަނުދީ މެންސިޓީ ހިފަހައްޓާފަ އެވެ. މިމެޗު ނިމިގެންދިޔައީ އެއްކޮޅަކަށް ވެސް ލަނޑެއް ނުޖެހި އެވެ.
ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޗެލްސީ އިންނެވެ. މެޗުގެ ދެވަނަ ހާފު ފަށިތާ ދެމިނެޓް ފަހުން ޗެލްސީ އަށް ލީޑު ހޯދައިދިނީ އެޓީމުގެ ސްޕެއިން ފޯވާޑް ހުއާން މަޓާ އެވެ. ޗެލްސީ އަށް ލީޑުގައި މާގިނައިރު ތަކެއް ވަންދެން އޮވެވޭ ގޮތެއް ނުވި އެވެ. ޗެލްސީ އިން ލަނޑު ކާމިޔާބު ކުރިތާ ނުވަ މިނެޓް ފަހުން ކްލިންޓް ޑެމްޕްސީ ވަނީ ފުލަމް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ، މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ލިވަޕޫލް އާއި ދެކޮޅަށް ބްލެކްބާން ރޮވާސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އެޓީމަށް ވަނީ ލީޑު ލިބިފައެވެ. މިލަނޑަކީ ލިވަޕޫލްގެ ޗާލީ އެޑަމްސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ހާފް ފެށިތާ ތޭރަ މިނެޓް ފަހުން ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރު މެކްސީ ރޮޑްރިގޭސް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ވިގަން އެތްލެޓިކް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި ޕާކް ޖީ ސުންގް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެންޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިމިޓްރީ ބާބަޓޯވް އެވެ. އަދި ބާބަޓޯވް ވަނީ މެޗުގެ 58 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ 75 ވަނަ މިނެޓުގައި އެންޓޯނިއޯ ވެލެންސިއާ މެންޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު، އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ބާބަޓޯވް އެވެ. މެޗުގެ 40 ވަނަ މިނެޓުގައި ވިގަންގެ ފޯވާޑް ކޮނާ ސަމޮން ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިމެޗު ނިމިގެންދިޔައީ 5-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، 45 ޕޮއިންޓާއެކު އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނާގައި އޮތް މެންޔުނައިޓެޑާއި މެންސިޓީ ޕޮއިންޓްގެ ގޮތުން ހަމަހަމަވީ ނަމަވެސް މެންސިޓީ އެއްވަނާގައި އޮތީ ގޯލުގެ ތަފާތުން ކުރީގައި އޮތުމުގެ ސަބަބުން ނެވެ. 35 ޕޮއިންޓާއެކު ތިންވަނާގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، 34 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ ޗެލްސީ އެވެ.
ޕްރެމިއާ ލީގުގައި މިރޭ ވެސް ފޯރިގަދަ ތިން މެޗެއް ކުރިއަށް ދާނެ އެވެ. މިރޭ 8:00 ގައި އާސެނަލް އާއި ވޮލްވްސް ބައްދަލުކުރާ މެޗަށް ފަހު، 10:00 ގައި ކުރިއަށްދާނީ ސްވަންސީ ސިޓީ އާއި ކުއީން ޕާކް ރޭންޖާސްގެ މެޗެވެ. ނޮވިޗް ސިޓި އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ކުރިއަށްދާނީ މިރޭ 12:30 ގައެވެ.