28 May 2020, 20:08
ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެ ވެންޓިލޭޓަރާއި އެކު ސިއްހީ ގިނަ އާލާތްތަކެއް، ކަނޑިމާ މޯލްޑިވަސް ރިސޯޓުން ހަދިޔާ ކޮށްފި އެވެ.
އެ ރިސޯޓުން ބުނީ، މެޑިކަލް ސާމާނާއި ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ހަވާލުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަނެވެ.
އެގޮތުން ދެ ވެންޓިލޭޓަރުގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ބޭނުންކުރާ 2500 ޕީސީއާރު ޓެސްޓް ކިޓުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ ޕާސަނަލް ޕޮރޮޓެކްޓިވްގެ 850 ކިޓާއި 4000 ކޭއެން95 މާސްކްގެ އިތުރުން 20،000 މެޑިކަލް ފޭސް މާސްކް ހިމެނެ އެވެ.
ކަނޑިމާ ރިސޯޓުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި، މި ދަނޑިވަޅުގައި ހޯދަން އެންމެ 'ތަދު' ސާމާނު ހިމެނެ އެވެ. އެގޮތުން ދެ ވެންޓިލޭޓަރު ހަދިޔާ ކޮށްފައިވާއިރު، ސަރުކާރުން އަންނަނީ 200 ވެންޓިލޭޓަރު ހަމަކުރުމަށް ބޮޑެތި ޚަރަދު ތަކެއް ވެސް ކުރަމުންނެވެ.