ރެއާލް މެޑްރިޑްގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި އެކުލަބަށް ސްޕެނިޝް ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަކާ ބުނެފި އެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ކުލަބަކީ ރެއާލް އެވެ. ރެއާލް ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލަލީގާގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން މިވަގުތު ލީގުގެ އެއްވަނަ މަގާމުގައި އޮތީ ވެސް ރެއާލް އެވެ.

"މިހާރު ޓީމުން ދައްކަމުން ދަނީ ވަރަށް މޮޅު ކުޅުމެއް. އަދިވެސް މިއަށްވުރެ މޮޅު ކުޅުމެއް ޓީމަށް ދައްކައި ލަލީގާ އާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރެވިދާނެ. މި ފެންވަރުގައި ކުޅުން ހިފަހައްޓަން މަސައްކަތް ކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ،" ކަކާ ބުންޏެވެ.

ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ވަނީ ބަލިވެފަ އެވެ. އެމެޗު ބާސާ ކާމިޔާބު ކުރީ ރެއާލް އިން ލަނޑެއް ޖަހާފައި ވަނިކޮށް 3-1 ލަނޑުންނެވެ.