28 May 2020, 18:02
ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން، ޖޫން މަހުގެ 14އިގެ ނިޔަލަށް އިތުރު ކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.
ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފައެވެ. މިހާރު ހަތް ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން 14 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައި އޮތީ ފުރަބަންދު އަދި މޮނީޓަރިންގައި ހުރި ރަށްތަކާއި ކަރަންޓީންކޮށްފައި މީހުން ތިބި ރަށްތަކުގައެވެ. އަދި މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ހަމަ ނުވާ ރަށްތަކުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުން މަނާވާނެއެވެ.
އެގޮތުން މިހާރު ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ނުދެނީ މާލެ ސިޓީ އާއި ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި އަދި ކ. ތުލުސްދޫ އެވެ.
މިނިސްޓްރީން ބުނީ އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވޭނީ، ހާލަތު ބަދަލުވުމުން އެ ހާލަތައް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނަމަ އެކަން ހުއްޓުވައި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މަހަކަށްވުރެ ގިނަ ދުވަސްފަހުން މިދިޔަ ހުކުރު ދުވަހު މިސްކިތުގައި ޖަމާއަތުގައު ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ ހާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ. އެގޮތުން މިސްކިތްތަކުގައި ކާޕެޓު ނެގުމަށާއި ގެއިން ވުޟޫކުރުމާއި ގެއިން މުއްސަލަ ހިފައިގެނެ މިސްކިތައް އައުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.
އައި މިސްކިތުގައި ގިިނަ ވަގުތު ހޭދަ ނުކުރުމަށާއި މާސްކް އެޅުމަށާއި އުމުރުން ދުވަސްވީ މީހުން މިސްކިތައް ނުދިޔުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.