ކޮވިޑް19 ގެ ސަބަބުން ގާއިމްކޮށްފައިވާ ފުރަބަންދަށް ކުޑަ ލުޔެއް ދިންނަމަވެސް ކުރިއަށް އޮތް އެއްމަސް ތެރޭގައި އެއްވުންތަކާ ޕާޓީތައް ނުބޭއްވުމަށް ހެލްތު މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދިންނަމަވެސް ކުރިއަށް އޮތް އެއްމަހަކީ ރައްކާތެރިކަން އިސްކުރަން ބޭނުންވާ ދުވަސްތަކެއް ކަމަށެވެ.

"އެއްގޮތަކަށްވެސް ކުރިއަށް އޮތް އެއްމަހުގެ ތެރޭގައި ރިކޮމެންޑެއް ނުކުރަން އެއްވެސް ކަހަލަ އިވެންޓެއް، އެންމެން އެކުގައި ގެދަރިންގްސް ކަހަލަ ބައްދަލުވުން ނުވަތަ ޖަލްސާ، ޕާޓީ ބޭއްވުމަކަށް،" ސާމިޔާ ވިދާޅުވިއެވެ.

ލޮކްޑައުންއަށް ދޭ ލުއިތަކުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކޮންމެ ގޭބީސީއަކުންވެސް ތިން މީހަކަށް ހަފްތާއަކު ދެ ގަޑިއިރަށް ބޭރަށް ނިކުތުމުގެ ހުއްދަ ދެއެވެ. އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު ފަހަކާ އަށަކާ ދެމެދުގެ ވަގުތުގައި ބޭރަށް ނިކުރުމުގެ ހުއްދަ ދޭއިރު ޖޫން 10 އިން ފެށިގެން މި ވަގުތުތަކުގައި ކުޑަކުދިންނަވެސް ބޭރަށް ނިކުމެވޭނެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގުވެސް ވަނީ ފުރަތަމަ ފިޔަވަހީގައި، ޕާމިޓާ އެއްކޮށްވެސް އާއިލާއާ ރައްޓެހިން އެއްވުމާއި، ތިމާގެ މީހުން އުޅޭ ގެއަކަށް ފިޔަވައި އެހެން ގެތަކަށް ދިޔުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރާއި ސްކޫލުތައް ބަންދުކޮށް މާލޭގައި އެންމެ ފުުރަތަމަ ކާފިއު އިއުލާނު ކުރުމަށްފަހު ސިއްހީ މާހިރުން ވަނީ ޕާޓީތައް ނުބޭއްވުމަށާއި މަސްދަތުރުތައް ނުދިޔުމަށް އިލްތިމާސް ކުރައްވައިފައެވެ. މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އުފެދިގެން ދިޔައީ މި އިލްތިމާސް ތަކަށް ބީރު ކަންފަތެއް ދީ، ގިނަ ބަޔަކު ޕާޓީތައް ބާއްވައި، މަސް ދަތުރުގޮސްފައި ވަނިކޮށެވެ.