ކޮރޯނާވައިރަސް، ކޮވިް19 އާ ގުޅިގެން މާލެ ފުރަބަންދު ކުރި ފަހުން މާލެ އަންނަން ވެގެން 4،800 އަށް ވުރެ ގިނަ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެެ.

ކޮވިޑާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު މެންދުރު 02:00 އާ ހަމައަށް 4،818 ފަރާތަކަށް މާލެ އައުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ.

"އަދި އީދަށްފަހު މާލެ އަންނަ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވޭ އަޅުގަނޑުމެންނަށް މި ދެވޭ ހުއްދަތަކަށް ބަލާލިކަމުގައި ވިޔަސް. ކުރިއަށް އޮތް ތަނުގައިވެސް މާލެއައުމުގެ ކަންތައްތައް، ޕޯޓަލް މެދުވެރިކޮށް ހުއްދަ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނަން." ނަވީން ވިދާޅުވިއެވެ.

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން -- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން މިހާރުވެސް ހުއްދަ ދެމުންދާ އުސޫލުން މެޑިކަލް އެމެޖެންސީގެ ހުއްދަތައް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން އިއުލާންކޮށްފައި އޮތް ފުރަބަންދުގެ މުއްދަތު މިއަދު ހަމަވާން އޮތް ނަމަވެސް އަނެއްކާވެސް ވަނީ ބައެއް ލުއިތަކާއެކު ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައެެވެ.

ސަރުކާރުން ބުނީ ފުރަބަންދަށް ލުއި ދޭނީ ވަކި ފޭސްތަކަށް ބަހާލައިގެން ކަމަށާއި އަދި މި ފެށޭ ފޭސް އެކެއްގައި އެއް ރަށުން އަނެއް ރަށަށް ހާއްސަ ހުއްދައެއް ދީގެން ނޫނީ ދަތުރުނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރުކުރި ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވެއެވެ.

މިހާތަނަށް ކޮވިޑް19 ޖެހިފައިވާ 1،471 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ.