27 Dec 2011, 16:02
ނިޕޯން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުގައި އިއްޔެ ޑީ ބާސްކެޓްބޯލް ކުލަބާއި އާއި ދެކޮޅަށް ކުޅުނު މެޗް ރެޑްލައިން ކުލަބު ކާމިޔާބު ކޮށް އަލުން އެއްވަނަ އަށް އަރައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ރެޑްލައިން އިން ކާމިޔާބު ކުރީ 83 ޕޮއިންޓް 53 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިން އަށް 24 ޕޮއިންޓް ހޯދައިދިން ބިދޭސީ ކުޅުންތެރިޔާ އަޑެބަޔޯ އަލަބާ އެވެ.
ލީގުގެ އެއްވަނަ އަށް އަލުން ރެޑްލައިން އެރީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ ހޯދި ދިހަ ޕޮއިންޓާ އެކުއެވެ. ދެވަނާގައި އޮތް ހަރިކޭން ކުޅުނު ފަސް މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައިވާ ޓީރެކްސް އަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނާގައިވާ ޑީ ބާސްކެޓްބޯލް ކުލަބު ކުޅުނު ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ހަރިކޭން ބާސްކެޓްބޯލް ކުލަބާއި ޑީ ބާސްކެޓްބޯލް ކުލަބެވެ.