28 May 2020, 17:19
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅަށް ލުއިދޭން ނިންމީ އެ ބައްޔަށް ފަރުވާދޭނެ އިތުރު ފެސިލިޓީތައް ގާއިމުކޮށް، ކެޕޭސިޓީ އިތުރުކުރެވިފައި ވާތީކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މަސައްކަތް ފެށީ ޖެނުއަރީ މަހު ހެދި ރިސްކު އެސެސްމެންޓަކުން ކަމަށާއި މިހާތަނަށް އައި އިރު ކެޕޭސިޓީގެ ގޮތުންވެސް ޓެސްޓިންގެ ދާއިރާ އިންވެސް އަދި ހިދުމަތުގެ ދާއިރާއިންވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ.
މަސައްކަތް ފެށިއިރު ރާއްޖޭގައި ހުރީ ކަރަންޓީނަށް ބޭނުންކުރާނެ 12 ކޮޓަރި ކަމަށާއި މިހާރު އެއަދަދު 1،500 އަށް އިތުރު ވެފައިވާ ކަމަށް ސާމިޔާ ވިދާޅުވިއެވެ. ކަރަންޓީނަށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރަމުންދަނީ ރިސޯޓުތަކެވެ.
މީގެ އިތުރުން މަސައްކަތް ފަށައިގަތްއިރު އައިސޮލޭޝަނަށް ބޭނުންކުރަން ހުރީ ޑީއެޗް11 އަދި ފަރުކޮޅު ފެސިލިޓީ ކަމަށާއި ނަމަވެސް އައިސޮލޭޝަން ކެޕޭސިޓީ ވެސް އިތުރު ވެފައިވާ ކަމަށް ސާމިޔާ ވިދާޅުވިއެވެ.
ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި "ކޮވިޑް ވިލެޖް"ގެ ނަމުގައި ގާއިމުކުރި 298 އެނދުގެ ފެސިލިޓީ، ޖޫން އެއްވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ސާމިޔާ ވިދާޅުވިއެވެ.
އެ ފެސިލިޓީގެ އިތުރުން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަން ވަނީ ފަށާފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ 100 އެނދުގެ ތެރެއިން މިވަގުތު 45 އެނދު ދަނީ ބޭނުންކުރަމުންނެވެ.
ސާމިޔާ ވިދާޅުވީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމި އިރު ބެލި ކަންތައް ތަކަކީ ރާއްޖޭގައި ބަލިކޮންޓްރޯލު ކުރެވިފައިވާ މިންވަރާއި ސިއްހީ ނިޒާމު ތައްޔާރުވެފައިވާ މިންވަރު އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ތޯ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 1،471 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 242 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މމަރުވެފއި ވަނީ ފަސް މީހެކެވެ.