ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފުލުހަކު، އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކާ މި މަހުގެ 24 ވަނަ ދުވަހު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާއިރު އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން އިދާރާތަކުގެެ މުވައްޒަފުންވެސް މަސައްކަތް ކުރެއެވެ.

ކޮވިޑަށް ފަރުވާދިނުމަށް އއ. ވެލިދޫ އައިލެންޑް ރިސޯޓްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޓަރަކު ދަންވަރުގަޑީގައި ކޮޓަރިއަކުން އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.