27 Dec 2011, 16:02
ގއ. ވިލނގިލީ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ނަޖީބުގެ މައްޗަށް ދައުލަތުން ކުރި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައި ދެއްވި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދައުލަތުން ހަސަންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އޭނާ ގއ. ދެއްވަދޫ ކޯޓާއި ގއ. ވިލިނގިލީ ކޯޓާ ހަވާލުވެ ހުންނެވި ދުވަސްވަރު އެ ދެކޯޓުން ކޮށްފައި ނުވާ ދަތުރުތަކަށް ވިނިނގިލީގެ ތިން މީހެއްގެ ނަމުގައި އެ ދެ ކޯޓަށް ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ ދަތުރުތައް ކުރިކަމަށް ބުނާ ތިން މީހުން ވެސް އެމީހުން ކޮށްފައި ނުވާ ދަތުރުތަކަށް ފައިސާ ނަގާފައި ނުވާނެ ކަމަށް ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެއްވަދޫ ކޯޓާއި ވިލިނގިލީ ކޯޓަށް ހަސަން ނަޖީބު ނުކުރާ ދަތުރުތަކަށް އެ ދެ ކޯޓުން އެއްވެސް މީހަކަށް ފައިސާ ދޫކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
"ގއ. ދެއްވަދޫ ކޯޓަށާއި، ގއ. ވިލިނގިލީ ކޯޓަށް ހަސަން ނަޖީބު ނުކުރާ ދަތުރުތަކަށް އެ ދެކޯޓުން އެއްވެސް މީހަކަށް ފައިސާ ދޫކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، ހަސަން ނަޖީބުގެ މައްޗަށް ދައުލަތުން ކުޅަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.