28 May 2020, 17:55
ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުމާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރުން ނިންމަވާފައި އޮތީ ސަރުކާރުން އެދިއްޖެނަމަ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ކޮވިޑް19 އަށް ފަރުވާދޭ ސެންޓަރުގެ ގޮތުގައި ހާއްސަކޮށްދެއްވުމަށެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލް މިވަގުތުވަނީ ސަރުކާރުގެ އެދުމުގެ މަތިން އޭޕްރީލް 26 ވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލާއި ސަރުކާރުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކޮރޯނާ ވައިރަހުގެ ފަރުވާއަށް ޙާއްސަކުރެވިފައެވެ.
ކޮވިޑްއަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލު ބަދަލުކުރުމާއެކު އެ ހޮސްޕިޓަލްގެ އީ އާރް ކްލިނިކް އަދި ފުލޫ ކްލިނިކްގެ ހިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލްގެ އޮފްތަލްމޮލޮޖީ ބިލްޑިންގްއަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެހެނިހެން ޑޮކްޓަރަށް ދެއްކުމުގެ ޙިދުމަތް ޓެލެމެޑިސިން މެދުވެރިކޮށް ދޭން ފަށާފައިވަނީ މެއި 4 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިހިދުމަތަށް އާސަންދަ ލިބޭނެއެވެ.
ދުނިޔޭގައި ހަލުވި ބާރުމިނެއްގައި ކޮވިޑް19 ފެތުރުމާއި ގުޅިގެން ކޮވިޑް19 އަށް ތައްޔާރުވުމަށް ޓްރީޓޮޕުން މަސައްކަތް ފެށީ މާރިޗު 8 ވަނަ ދުވަހުއެވެ. ކޮރޯނާވައިރަހާއި ގުޅިގެން މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ ޙާއްސަ އުސޫލްތަކުގެ ސްޓެންޑަޑް އޮޕަރޭޝަން ޕްރޮސީޖަރ މާޗު 10 ގައި އެކުލަވާލާ ތަންފީޒު ކުރަން ފެށިއެވެ. މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ހުރިހާ އެންމެންގެ ޓްރެވަލް ހިސްޓަރީ ބަލައި، ކޮރޯނާވައިރަސްގެ އަލާމާތްތަކަށް ސްކްރީންކުރަން ފެށިއެވެ. އެ ހޮސްޕިޓަލުން ފްލޫ ކްލިނިކްގެ ހިދުމަތް ދޭން ފެށީ މާރިޗް 17 އިން ފެށިގެންނެވެ. މީގެ އިތުރުން އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ވަގުތުތަކަކާއި ބަލި މީހަކަށް ޒިޔާރަތްކުރެވޭނެ މީހުންގެ އަދަދު އެކަކަށް މަދުކޮށް އާ ޕޮލިސީއެއް ނެރެވި، 14 އަހަރުން ދަށުގެ ކުދިން ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާކުރިއެވެ.
ކޮވިޑް19 އަށް ތައްޔާރުވުމައްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުންވަނީ ހާއްސަ ކްލީން އަދި ކޮންޓެމިނޭޓެޑް ޕާތުވޭތަކެއް ކަނޑައަޅައި ރެސްޕޯންސް ޕްލޭން އަދި ތައްޔާރީ ގައިޑްލައިންތަކެއްވެސް އެކުލަވާލައިފައެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ ޕާކިން ލޮޓް ސަރަހައްދުގައި ހޮސްޕިޓަލުން ނިކުތުމަށް ފަހު ފެންވެރުމައްޓަކައި ޑިކޮންޓެމިނޭޝަން ޝަވަރތަކެއް ހެދިއެވެ.
މިގޮތުން ކޮރޯނާ ވައިރަސްގެ ފަރުވާއަށް ޓްރީ ޓޮޕް ބަދަލުކުރުމާއެކު ހޮސްޕިޓަލަށް ވަދެވޭނީ ހުއްދަ ލިބިގެންވާ ފަރާތްތަކަށް ވަކި ޙާއްސަ ޕާތުވޭއަކުންނެވެ. އަދި އިންފެކްޓެޑް ބަލިމީހުންނަށް ފަރުވާދޭ މީހުންނަށް ނުކުމެވެނީ ވަކި ޕާތުވޭ އަކުންނެވެ. އަދި ހޮސްޕިޓަލުން ނުކުތުމުގެ ކުރިން ޑިސްއިންފެކްޓްވެ ފެންވެރުމަށް ޙާއްސަކޮށް އިމާރާތް ކުރެވުނު ޝަވަރ އޭރިއާއިން ފެންވެރުމަށްފަހުއެވެ. އަދި ކަނޑައެޅިފައިވާ ރައްކާތެރި ޕާތުވޭތަކާއި ސަރަހައްދުތަކުގައި އިންފެކްޓް ނުވާ ބަލިމީހުން ބެލުމުގެ އިންތިޒާމްވެސްވަނީ ހަމަޖައްސާފައެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޑައިލީސިސް ހިދުމަތްތަށް ހޮސްޕިޓަލުގެ ޙާއްސަކުރެވިގެންވާ ރައްކާތެރި ސަރަހައްދުގައި ދިނުން ކުރިއަށްދީ ހޮސްޕިޓަލަށް ބަލި މީހުންގެ ޓްރާންސްފާ ޙިދުމަތްތައް ފޯރުކޮށްދީފައެވެ. އަދި 24 ގަޑިއިރުގެ އިމަޖެންސީ ހިދުމަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ކޮރޯނާވައިރަސްއަށް އަމަލީ ގޮތުން ތައްޔާރުވުމައްޓަކައި އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ކްލިނިކަލް ސްޓާފުން ގުޅިގެން ވެންޓިލޭޓަރ ސެޓަޕް، ސީޕީއާރު، އައިސީޔޫ އަދި އެހެނިހެން ރިފްރެޝާ ޓްރެއިނިންގް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އޭޕްރީލް މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސްޓާފުންނަށް ބޭސިކް ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓްއާއި ކޮވިޑް ރެޑިނަސް ޓްރެއިނިންތަކެއް ކުރިއަށް ގެންދިޔައެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހޮސްޕިޓަލުގެ އިދާރީ އޮފީސް ބައި ހޮސްޕިޓަލާ ވަކިކޮށްފައިވާ އެހެން އިމާރާތަކަށް ބަދަލުކޮށް ކްރިޓިކަލް ފްރަންޓް ލައިން އަދި ޒަރޫރީ އިދާރީ މުވައްޒަފުންނަށް ހުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.
ރާއްޖެއިން ކޮރޯނާވައިރަސްގެ ކޮމިޔުނިޓީ ޓްރާންސްމިޝަންގެ ނުރައްކާ ފެނުމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސަރުކާރާއި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާއި (އެންއީއޯސީ) ގުޅިގެން ގައުމީ ކޮވިޑް19 ރެސްޕޮންސް މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ. މގޮތުން ކޮރޯނާ ވައިރަހުގެ ފަރުވާއަށް ހޮސްޕިޓަލް ބަދަލުކުރެވުނު އެއްބަސްވުމުގެ މުއްދަތަކީ 90 ދުވަހެވެ. މިމުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމަށް ބޭނުންވާ މައިގަނޑު ޙަރަދުތައް ކަމަށްވާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޙަރަދުތައް ބެލެހެއްޓުމުގެ ޒިންމާ ނަގާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިއްސާދާރުންގެ ފަރާތުންނެވެ. އަދި މިކަމަކަށް ޙަރަދު ކުރެވޭނޭކަމަށް އަންދާޒާ ކުރެވިފައިވަނީ މަހެއްގެ މައްޗަށް 20,000,000 (ވިހި މިލިއަން) ރުފިޔާއެވެ.
މީގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރާގެ 10 ޕަސަންޓު ވަނީ ނުރައްކާތެރި ހާލަތުގައި މަސައްކަތްކުރާ މުވައްޒަފުންނަ ހެޒާޑު ޕޭގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީފާއާއިބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިވާ ބަލިވުމުން ދެވޭ ސަލާމްގެ މުއްދަތު 30 ދުވަހުގެ މުއްދަތު ވަނީ 60 ދުވަހަށް އިތުރުކެރެވިފައެވެ. އަދި ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުން ފުރާނައަށް ދިމާވެދާނެ ނުރައްކަލުގެ ހާލަތަށް ބަލައި މަލީ އެހީތެރިކަމުގެ އިނާޔަތްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް ކޮރޯނާ ވައިރަހުގެ ބަލިމީހުންނަށް ދެވޭ ފަރުވާ ހިލޭ ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންވެސްޓަރުން އަދި ޑިރެކްޓަރުން ވަނީ ގައުމީ ވާޖިބު އަދި އިންސާނިއްޔަތުކަން އިސްކުރައްވައި ޓްރީ ޓޮޕް ހޮސްޕިޓަލު ކޮވިޑް ރެސްޕޮންސް ހޮސްޕިޓަލެއްގެ ގޮތުގައި ހިލޭ ސާބަހަށް ބަދަލުކޮށް ރަސްމީކޮށް އެކަން އިއުލާނުކޮށްފައެވެ. މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޓްރީޓޮޕް ކޮވިޑް ހޮސްޕިޓަލަކަށް ބަދަލުކުރި އިރު އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ބަލި މީހެއް އެޑްމިޓްކުރެވުނީ މެއި މަހުގެ 6ވަނަ ދުވަހުއެވެ.
ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ ހަނގުރާމައިގައި ގައުމީ ވާޖިބް އިސްކޮށް އެންމެ ކުރީ ސަފުގައި ގައުމަށްޓަކައި ހިދުމަތްކުރުމަކީ ޓްރީ ޓޮޕްގެ ހިއްސާދާރުންނާއި ވެރިން އަދި މުވައްޒަފުންނަށް ލިބޭ ބޮޑު ފަހުރެއް އަދި ހިތްހަމަޖެހުމެއްމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.