ނިކޯސިއާ (މެއި 28): ސައިޕްރަސްއަށްދާ ފަތުރުވެރިއަކު އެގައުމުގައި ހުއްޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ނަމަ އެމީހެއްގެ ޗުއްޓީގެ ހަރަދުތައް ސަރުކާރުން ދޭނެ ކަމަށް ބުނެފި އެވެ.

ސައިޕްރަސްގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަނެއްކާވެސް ދިރުން ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއުލާން ކުރި އާ ފިޔަވަޅުގެ ދަށުން އެގައުމަށް ޗުއްޓީ ހޭދަ ކުރަން ދާ މީހަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ، އެމީހާ އާއި އެމީހާގެ އާއިލާގެ ކެއުމާއި ހުރުމާއި ބޭސް ފަރުވާގެ ހަރަދުތައް ދޭނީ ސަރުކާރުންނެވެ. އަދި ފަތުރުވެރިން ހަމައެކަނި ދޭން ޖެހޭނީ އެއާޕޯޓަށް ދިޔުމަށާއި އެމީހެއްގެ ގައުމަށް އަނބުރާ ދާ ފްލައިޓުގެ ހަރަދުތައް ކަމަށް ސަރުކާރުން ނެރުނު ސިޓީއެއްގައި ބުނެފައިވެ އެވެ.

ސައިޕްރަސްއިން ދަނީ އަންނަ މަހުގެ ނުވައެއްގައި އެގައުމުގެ އެއާޕޯޓުތައް ހުޅުވާލުމަށް ތައްޔާރުވަމުންނެވެ. އަދި ފުރަތަމަ އެގައުމަށް ދާން ހުއްދަ ދޭން ހަމަޖެހިފައި ވަނީ ވައިރަހުގެ ނުރައްކާ ކުޑަ ކަމަށް ބެލެވޭ 19 ގައުމެއްގެ ރައްޔިތުންނަށެވެ. އަދި ކޮންމެ މީހަކުވެސް އެގައުމަށް ދިޔުމުގެ ތިން ދުވަސް ކުރިން ވައިރަހަށް ޓެސްޓުކޮށް، ނެގެޓިވްވިކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ.

ސައިޕްރަސްއިން ވަނީ ބޭރު ގައުމުތަކުން ދާ ދަތުރުވެރިންގެ ތެރެއިން ބަލި ޖެހޭ މީހުންނަށް 100 އެނދުގެ ހޮސްޕިޓަލެއް ހާއްސަކޮށްފަ އެވެ. އަދި އެމީހުންގެ އާއިލާތައް ކަރަންޓީނު ކުރަން 500 ކޮޓަރީގެ ހޮޓަލެއް ކަނޑައަޅާފަ އެވެ.

ސައިޕްރަސްގެ އިގުތިސާދުގެ 13 ޕަސެންޓަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެވެ. އަދި އެހެން އަހަރުތަކާ ބަލާއިރު މިއަހަރު އެސިނާއަތަށް 70 ޕަސެންޓުގެ ގެއްލުމެއް ލިބޭނެ ކަމަށް އެގައުމުން ލަފާ ކުރެ އެވެ.

ސައިޕްރަސްއިން ވަނީ އާބާދީގެ ނިސްބަތުން ބަލާއިރު ޔޫރަޕްގައި ވައިރަހުގެ އެންމެ ކޭސްތައް މަދު ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނޭކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެގައުމުގައި އާބާދީގެ 10 ޕަސެންޓު ވައިރަހަށް ޓެސްޓު ކޮށްފައިވާ އިރު ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 939 މީހެކެވެ. އަދި ބަލީގައި މަރުވެފައި ވަނީ 17 މީހެކެވެ.