27 Dec 2011, 16:01
އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން މިހާރު ދައްކަމުން އަންނަ ކުޅުމަކީ ޔޫރަޕް އަދި ދުނިޔޭގެ ޗެމްޕިއަން ބާސެލޯނާ އާއި އެއްފެންވަރެއްގެ ކުޅުމެއް ކަމަށް މެންޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ބާސެލޯނާ އިން ކާމިޔާބުކުރީ ފާގަސަންގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ މެންޗެސްޓާ ޔުނައިޓެޑް 3-1 ލަނޑުން ބަލިކުރުމަށް ފަހުއެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ޗެމްޕިއަންކަން ބާސެލޯނާ އިން ގެންގޮސްފައިވަނީ ވެސް މެންޔުނައިޓެޑްގެ ކޯޗުކަމުގައި ފާގަސަން ހުއްޓައެވެ. ނަމަވެސް މިހާރު ބާސެލޯނާ އާއި ދާދި އެއް ހަމައަކަށް މެންޔުނައިޓެޑް އަރަމުން އަންނަ ކަމަށް ފާގަސަން ގަބޫލު ކުރެއެވެ.
"ބާސެލޯނާ އާއި އެއް ހަމައަކަށް އައުމަކީ އަބަދުވެސް އަހަރެމެންގެ އަމާޒެއް. ޓީމުން މިހާރު ދައްކާ ކުޅުމާއި ބާސާގެ ކުޅުމާއި ފެންވަރުގެ ގޮތުން ހަމަހަމަ،" މެންޔުނައިޓެޑްގެ ކޯޗް ފާގަސަން ބުންޏެވެ.
އިނގިރޭސި އެންމެ ކާމިޔާބީ ޓީމު މެންޔުނައިޓެޑް ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުން ކަޓާފަ އެވެ. ނަމަވެސް އެޓީމު ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މިސީޒަނުގައި އެބައޮތެވެ.