28 May 2020, 09:37
ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި ސަރުކާރުން މަޖިލީހަށް ބިލެއް ފޮޮނުވީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ދެ މަސް ވާން ކައިރިވެފައި ވާއިރު، ބިލަށް ބަހުސް ކޮށް ބިލު ކޮމިޓީއާ ހަމައަށް ފޯރީ ރޭގަ އެވެ.
އޭޕްރީލް ހަވަނަ ދުވަހަށް ބިލު އެޖެންޑާ ކޮށްފައި އޮތް ނަމަވެސް، ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ކުރިން، ބިލުގެ ބަހުސްގެ ބަދަލުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަޅުން ހުޅުވާލީ އެހެން ބަހުސަކަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ފެއްޓެވި ބަހުސެވެ.
އެއާއެކު ބިލު އެއްފަރާތުގައި ބާއްވާފައި ފުރަތަމަ ބަހުސް ކުރެވުނީ ގާނޫނުއަސާސީ އިސްލާހުކުރެވިދާނެ ކަމާމެދު އެވެ. މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ އެންމެ ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔަކަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވީ، މި ދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތްކަމަށެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވެސް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރަން ހުރަހެއް ނެތް ކަމަށެވެ.
މަޖިލީހުގައި އެ ފެށި ބަހުސް، ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފުންނާބު އުސް ބޭފުޅުން އެންމެ ފުރަތަމަ ވެސް ސިފަކުރެއްވީ ބޭކާރު ބަހުސެއްގެ ގޮތުގަ އެވެ. ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަކުން، ބޮޑު މައްސަލައެއް އުފަންކުރުވަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.
ޖެހިގެން އައި ދުވަހުގެ ޖަލްސާ ކުރުކޮށްލެއްވީ އެ މައްސަލައިގައި ރިޔާސަތުން ދެކެވަޑައިގަންނަވާ ވަކި ގޮތެއް ނެތް ކަމަށް ވިދާޅުވެ އެވެ.
އެ ޖަލްސާ އާއެކު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އެޖެންޑާއިން ގެއްލުނީ އެވެ. އެ ބިލު ގެއްލުމަށްފަހު ދެން ކުއްލިއަކަށް އެޖެންޑާއިން ޖާގަ ހޯދީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ" ބިލެވެ. އެއީ ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދިގުކުރަން ހުށަހެޅި ބިލެކެވެ.
އޭޕްރީލް ހަވަނަ ދުވަހަށް އެޖެންޑާ ކުރި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ތަޅުމުގައި އިއްވުނީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. ބިލުގެ މަސައްކަތް އަލުން ފެށުނީ ވީނުވީއެއް ނޭނގި އެޖެންޑާއިން ގެއްލުނުތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ކައުންސިލްތަކުގެ ދައުރު ހަމަވާން އޭރު މަހެއް ވެސް ނެތެވެ.
އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން ކުރިމަތިވެދާނެ މައްސަލަތަކަށް ހައްލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނެގީ، އެ މައްސަލަތަކަށް ފަރުވާ ހޯދޭނެ ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވިދާޅުވެ، އެ ޔަގީންކަން މަޖިލީހުގެ ރައީސް ދެއްވުމުންނެވެ.
"އަޅުގަނޑުމެން މީގައި [ކައުންސިލްތަކަށް] ހައްލެއް ދިވެހި ރައްޔިތުންނަށް ހޯދައި ދޭނަން. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އެހެން ބޭފުޅުން ވެސް މިކަމާ ކަންބޮޑުވެލައްވައިގެން އުޅުއްވުމުގެ މާނައެއް ނެތް،" ނަޝީދު އެދުވަހު ވިދާޅުވި އެވެ.
މައްސަލައަށް ގާނޫނީ ފަރުވާއެއް ހޯއްދަވައިދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި ފަހުން ވެސް ދެ މަސް ވާން ކައިރިވެފައި ވާއިރު އަދި މައްސަލައިގައި ކޮޅެއް ނުފެނެ އެވެ.
އަންނަ ބުރާސްފަތި ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު، ގައުމަށް ސިއްހީ ބޮޑު ކާރިސާއެއް ދިމާވެފައި އޮތް ދަނޑިވަޅެއްގައި ކައުންސިލްތަކުގެ ޒިންމާތަކަށް ވާނެ ގޮތެއް ސާފެއް ނުވެ އެވެ.
ނޭވާ ހޮޅިއަށް އެޅިފައި ވަނިކޮށް މަޖިލީހުން ކިޔާ ލަވައަށް މިވަނީ އެހެން ކަޑިއެއް އިތުރުކޮށްލާފަ އެވެ. އެއް ކުލައިގެ މެމްބަރުންނަށް އެއް ގަލަކަށް ނޭރިގެން އެންމެފަހުން، މައްސަލައިގަައި މަޖިލީހުގެ މެމްބަރުންނަށް އިއްތިފާގުނުވެވުނު ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅައިފި އެވެ.
ހަތް ދުވަހުގެ ތެރޭގައި މިޖެހުނީ އިތުރު މަގެއް ކޮށާށެވެ. މި މަގު ކޮށާ ހުސްވާއިރުވެސް ބޭނުންވާ މަންޒަރު މަގުކޮޅުން ނުފެނިއްޖެ ނަމަ އަނެއްކާ އަތަށް ފުރޯ ހެޔޮވަރުކޮށްލައިިގެން އަނެއް މަގު ކޮށަންވީ އެވެ.
ނަމަވެސް ސުވާލަކީ މި ހުރިހާ ސަކަރާތެއް ޖަހާނެ ވަގުތު އެބަ އޮތް ހެއްޔެވެ؟
މަޖިލީހުން ހޯދައިދޭނެ ކަމަށް ވައުދުވި ގާނޫނީ ފަރުވާ ނުލިބި، ވަގުތު ކުޑަތަންވަމުން އަންނާތީ މަޖިލީހުގެ މެމްބަރުން ވެސް މިހާރު މިވަނީ ނިތްކުރިން ދާހިއްލަން ފަށައިފަ އެވެ.
ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ، އެމްޑީޕީ މެމްބަރު، އިސްމާއިލް އަހްމަދުގެ ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލައްވައިފަ އެވެ.
"މަޖިލީހުގެ ނުކުޅެދުންތެރިކަމުން މިއަދު މިތަނަށް އާދެވިފައި މިއޮތީ. މިއީ 31 މާޗުގައި އަޅުގަނޑުމެންނާ ހަމައަށް ފޮނުވާފައި އޮތް ގާނޫނެއް. މި އެޖެންޑާ ކޮށްފައި މި ގެއްލިގެން އުޅޭތާ ކިތަންމެ ދުވަހެއް. އަޅުގަނޑުމެންގެ ރޭވުންތެރިކަމެއް ނެތީމަ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ގުޅުން ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ހާލަތާ ވަގުތާ ނެތިގެން މިއަދު މިއޮތީ ކުޑަތަންވެފައި،" މެމްބަރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ސަކަރާތް ގަތް ކަމަށް ވިދާޅުވެ، މަޖިލީހުގައި "ޖޯކު ޖެއްސެވި" އެމްޑީޕީ މެމްބަރުުން އެންމެ ފަހުން ހަމަ އެ މަގުން ހިންގަވަން ފައްޓަވާފައިވާ ކަމަށާއި، މަޖިލީހުގެ ފުރިހަމަ ބާރުން ނިންމެން އޮތް ކަމެއްގެ ތެރެއަށް ސުޕްރީމް ކޯޓު ވެއްދުމުން މެމްބަރު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. މެމްބަރު ވިދާޅުވީ މިހާރު މަޖިލީހުގެ ކަންކަން ދާގޮތް މާ ހިތްގައިމު ނޫން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ސާފުވާން ޖެހޭ މަޖިލީހުގެ އަމާޒު ހުރި ގޮތެއް. މިގޮތަށް ކަންކަން ފަހަތަށް ބުރަވެ، ނުނިމި ގޮސް ރައްޔިތުންނަށް މާ އެދެވޭ ހައްލެއް ހޯދޭ ތަނެއް ނުފެނޭ. މިއަދު ކުޑަތަންވެގެން ޖޫން މަހުގެ ތިންވަނަ ދުވަހަކީ ކައުންސިލްތަކުގެ މުއްދަތު ހަމަވާ ދުވަސް. އެކަމަކު ދެ މަސްދުވަސް ވެގެން ދިޔައީ އަޅުގަނޑުމެންނަށް މިކަމަށް ހައްލެއް ނުހޯދިގެން މި އުޅެނީ،" މެމްބަރު ވިދާޅުވި އެވެ.
އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ރޭ ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކަވައިފަ އެވެ.
"އަޅުގަނޑުމެންނަށް ހަމަ މި މައްސަލަ ފެށުނު އިރުވެސް އެ އިސްތިޝާރީ ލަަފައެއް ހޯދައިިގެން އެގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް. އަޅުގަނޑު ހަމަ ކަންބޮޑުވަނީ މިހާރު މިހާ ވަގުތު ކައިރިވެފައި އޮތީމާ ސުޕްރީމް ކޯޓުގެ ލަފަޔާ އެކީގައި ވަގުތު އޮއްވާ އަޅުގަނޑުމެންނަށް މިކަން ނިމޭނެބާއޭ،" ރޮޒައިނާ ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދާކަށް ނުވެސް ޖެހެ އެވެ. މަޖިލީހުން މިކަމުގަައި ގޮތެއް ނިންމުމުން އެހާ ހިސާބުން މައްސަލަ ހައްލުވީ އެވެ. ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އުޅުމަކީ ލަސްވެފައި އޮތް މައްސަލައެއް އިތުރަށް ލަސްވެދާނެ ކަމެކެވެ. ނަމަވެސް އެހާ ވަގުތެއް މިހާރަކު ނެތެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް މިކަން ސިފަކުރެއްވީ، ވަގުތު ކުޑަތަންވެފައި ވަނިކޮށް، މައްސަލަ ނަގައި ސުޕްރީމް ކޯޓުގެ ބޮލަށް ޖެހުން ކަމަށެވެ.
"ބިލު މަޖިލީހުގައި އޮންނަތާ ދެ މަސް ދުވަސް ވެގެން ދިޔައީ. އެހެން ނަމަވެސް އެކަމަށް ހައްލެއް ހޯދައިނުދީ ކައުންސިލަރުންގެ ދައުރު ހަމަވާން ދެތިން ދުވަހަށް ވީމާ، އަޅުގަނޑުމެން މިކަން ސުޕްރީމް ކޯޓުގެ ބޮލަށް ޖެހުން އެއީ ޒިންމާދާރު ކަމެއް ކަމުގައި ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން ބިލާ ގުޅޭގޮތުން އިސްތިޝާރީ ލަފަޔަކަށް އެދުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކަށް އަހައި، ވޯޓުން ނިންމޭ ގޮތަކަށް ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އުޝާމް ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ވަނީ މި ބިލުގެ މައްސަލަ ނިންމުން ލަސްވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުން ދޭ ލަފާ އަނެއްކާ މަޖިލީހުގެ މެމްބަރުންނަށް ކަމުނުގޮސްފި ނަމަ، ދެން ހަދާނެ ގޮތެއް ނިންމާނެ ތަނަވަސް ވަގުތު ނެތް ކަމުގެ ކަންބޮޑުވުން މެމްބަރުން ވަނީ ފާޅުކުރައްވައިފަ އެވެ.
ކައުންސިލަރުންގެ ދައުރު ހަމަވުމުން ދެން ވާނެ ގޮތެއް ނިންމަން ވާނީ ދައުރު ހަމަވާ ދުވަހު ނޫން ކަމަށް ވެސް ބައެއް މެމްބަރުުން ވިދާޅުވި އެވެ.
ބިލުގެ މަސައްކަތް އެޖެންޑާ ނުކޮށް، ބިލު ޕާކުކޮށްފައި އޮތް ކަމަށް ބައެއް މެމްބަރުން ވިދާޅުވެ، ރޭގެ ޖަލްސާގައި ކަންބޮޑުވުންތައް ބަންޑުންކޮށްލުމާއެކު ގޯސް ހެއްދެވޭ ކަމަށް ގަބޫލު ނުކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ ބިލުގެ މަސައްކަތް ލަަސްވެެއްޖެ ކަމަށް މެމްބަރުން ވިދާޅުވާ ވާހަކަ ސާފުނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބިލު މަޖިލީހުގައި ބާއްވާފައި އޮތީ ނޫން ކަމަށެވެ. އަދި ރިޔާސަތަށް ލިބިފައި ހުރި މައުުލޫމާތަށް ބަލައި، ބިލު ކުރިއަށް ގެންދާނެ ގޮތް ރިޔާސަތަށް ސާފު ކަމަށާއި މަޖިލީހުގެ ގަވާއިދު ތަން ދިން މިންވަރުން އެގޮތަށް އަމަލުކުރައްވަމުން އަންނަ ކަމަށެވެ.
"ބިލެއް މި މަޖިލީހުގައި ކުރިއަށްދާ ވަގުތާ، އޭގަ މަަރުހަލާތަކަށް ބަލާއިރު އަޅުގަނޑަށް ނުވިސްނިގެން މި އުޅެނީ ތިބޭފުޅުންނަށް މީގެން ކޮންތަނެއްގައިތޯ ވަގުތު ނެތިގެން އުޅުއްވާކަމަށް ތިޔަ ފެނިވަޑައިގަންނަވަނީ،" ނަޝީދު ސުވާލު އުފެއްދެވި އެވެ.
ނަޝީދު ވިދާޅުވީ އޭޕްރީލް މަހުގެ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހު ކުރިއަށް ދިޔަ ބަހުސްގައި ބައިވެރިވެވަޑައިގެންނަވި 44 މެމްބަރުންގެ ވާހަކަތަކުން ބިލުގެ ހައްސާސްކަން ވަރަށް ބޮޑަށް ސާފުވެގެން ދިޔަ ކަަމަށާއި އަދި ބިލަށް މަޖިލީހުގެ އިތުރުން ޕާޓީތަކުގެ މެދުގައި ވެސް މަޝްވަރާކުރެވެން ޖެހޭ ކަމަށް ފެނިވަޑައިގެންނެވި ކަމަށެވެ.
މިހާ ދުވަސް ވަންދެން ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތް ސަބަބެއް ކަމުގައި ނަޝީދު ވިދާޅުވީ ވީހާވެސް ގިނަ ދުވަހަކު ރައްޔިތުންގެ ކުރިމަތީގައި ބިލު ބޭއްވުމެވެ. ރައްޔިތުން ބިލާ ގުޅިގެން ހިޔާލުފާޅުކުރައްވައި، ރައްޔިތުން ދެކޭގޮތް މެމްބަރުންނާ ހަމައަށް ފޯރުވައިދިނުމުގެ ޖާގަ ދެއްވުމެވެ.
"އަޅުގަނޑުމެން އެހެން ބޭއްވި އިރުގައި އާންމުން އެއަށް ބަހުސްކުރަމުން ގެންދިޔަ. އަދި ޕާޓީތަކުން ވެސް އެކަމާ ވާހަކަދައްކަމުން ގެންދިޔަ. އަޅުގަނޑަކަށެއް އެއްގޮތަކަށް ވެސް ސާފެއް ނުވޭ ވަގުތެއް ނެތިގެން މިކަމާ ގުޅޭގޮތުން ކޮން ކަމެއްތޯ ނުވެގެން މެމްބަރުން ތިއުޅުއްވަނީ. މިއީ މިކަން ކުރަން އަޅުގަނޑު ހިތުލައިގެން އޮތް ގޮތް. ކަނޑައަޅާ އޮތް ވަގުތު،" ނަޝީދު ވިދާޅުވި އެވެ.
ބިލު އާންމުންގެ ހިޔާލަށް ހުޅުވާލައްވައިގެން މަޖިލިސް ރައީސް އިންނެވީ، ރައްޔިތުންގެ ހިޔާލު މެމްބަރުންނަށް ފޯރާނެ ކަމަށް އުންމީދު ކުރައްވައިގެންނެވެ. ނަމަވެސް މެމްބަރުން އުޅުއްވަނީ ބިލު މި ހުރިހާ ދުވަހު އޮތްތަނެއް ނޭނގިގެންނެވެ. ރަައްޔިތުންގެ މަޝްވަރާ ނުހޯދިގެން ގާނޫނު އަސާސީ އިސްލާހުކުރަން ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުންނެވެ.
ފަހަރުގައި ރައީސް ނަޝީދުގެ ހިތްޕުޅުގައި އޮތް އެއްޗެއް މެމްބަރުންނާ ހަމައަށް ފޯރުމުގައި މައްސަލައެއް ދިމާވީ އެވެ. ނަޝީދު ވިދާޅުވާ ގޮތުން ނަމަ "މުޒާހަރާ ނުކުރެވުނު ނަމަވެސް އެއްވެ ނޫޅެވުނު ނަމަވެސް" ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅި ބިލަށް، ރައްޔިތުން ހިޔާލު ފާޅުކޮށްފި އެވެ. ހޮޅުއަށީގައި ނޫނަސް އެ ފުރުސަތު ވެސް އޮތީ ދީފަ އެވެ.
އެހެންކަމަށް ވާނަމަ ދެން މިހާރު ރައްޔިތުންގެ މަޝްވަރާ ހޯދޭނެ ޖާގަ ނެތް ކަމަށް ވިދާޅުވެ މެމްބަރުން މި ދައްކަވަނީ ކޮން ބަހަނާއެއް ހެއްޔެވެ؟ އިރުއިރުކޮޅާ މޫނުގައި އަޅާފައި އިންނަ މާސްކަށް އިޝާރާތް ކުރައްވާ މި ދައްކަވަނީ ކޮން ހާލަތެއްގެ ވާހަކައެއް ހެއްޔެވެ؟
އެއް ބަޔަކު ބޭނުންވާ ގޮތަކަށް ނޫނީ މިކަން ނުކުރަން ގަދަ ދައްކާލައިގެން ތިބެ އެންމެ ފަހުން ޕާޓީ ތެރެއިން ވެސް އެކަން ވާން ނެތުމުން ބައެއް މެމްބަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ޖަޒުބާތުތައް ބަންޑުންވި މަންޒަރުވެސް މަޖިލީހުން ފެނިގެން ގޮސްފި އެވެ.
މި ހުރިހާ ދުވަހު ބިލު ހިފަހައްޓާފައި އޮތީ ފަހު ދުވަހުގެ ސްޓަންޓު ކާމިޔާބު ވާނެ ކަމުގެ އުންމީދުގައި ކަމަށް ވެދާނެ އެވެ. ނަމަވެސް އެކަން ނުވުމުން ރާގު ބަދަލުވެ މިހާރު މިއޮތީ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފަ އެވެ. އަނެއްކާވެސް މައްސަލަ ދިގު ދަންމާނެ ގޮތެއް ހޯދީބާ އެވެ؟
ނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ ކަންބޮޑުނުވުމަށެވެ. ނަޝީދު އިންނެވީ ތާވަލެއް ހައްދަވައިގެންނެވެ. ހުރިހާ ކަމެއް ވެސް ދަނީ އެ ތާވަލާ އެއްގޮތަށެވެ.
"މެމްބަރުން ކަންބޮޑުވެވަޑައިނުގަންނަވާ. އިރާދަކުރެއްވިއްޔާ ރަނުން ރަނަށް އަޅުގަނޑު މިކަންތައް ނިންމާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ސުވާލަކީ ކައުންސިލަރުންގެ ދައުރު ހަމަވުމުން ދެން ވާނެ ގޮތް ވިސްނާލައްވާށެވެ. އޭރުން ރަށްތަކަކީ އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތި ވެރިއެއް ނެތި ހުންނަ ތަންތަންތަން ކަމުގައި ވެދާނެ އެވެ. އަދި މިކަހަލަ ކަމެއްގައި އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި ވިސްނައިގެން ވަގުތު އޮވެގެން ކަންކުރުމުގެ އުސޫލު މާ ރަނގަޅުވާނެ އެވެ. އެކަމަކު މިވަރު ބޮޑުކަމެއް މަޖިލީހުން ނިންމަން މިޖެހުނީ އަވަސް އަރުވާލައިގެންނެވެ. މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟