28 May 2020, 10:34
ކަރަންޓު ބޮކި އުފެއްދުމުގެ ގޮތުން މީގެ ގަރުނަކަށްވުރެ ކުރީން ތޯމަސް އެޑިސަން އުފެއްދި ޖެނެރަލް އިލެކްޓްރިކް އިން ބޮކި އުފެއްދުން ހުއްޓާލުމަށް ނިންމައިފި އެވެ.
ޖެނެރަލް އިލެކްޓްރިކް ކުންފުނި ގަންނާނެ ބަޔަކު ނުވުމުން އެންމެ ފަހުން 129 އަހަރުގެ ކުންފުނީގެ ލައިޓިން ޑިވިޝަން ވިއްކާލުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.
އެކުންފުނިން އިއްޔެ އިއުލާނުކޮށްފައިވަނީ އެކުންފުނީގެ ލައިޓިން ޑިވިޝަން، ސްމާޓް ހޯމް ކުންފުންޏެއް ކަމަށްވާ ސަވާންޓް ސިސްޓެމް އަށް ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޑީލް އަކީ ޖެނެރަލް އިލެކްޓްރިކް މުޅި ކުންފުނި ރޫޅާލުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ކުންފުނީގެ ދަރަނި އިތުރުވެ އާމްދަނީ ހޯދުމަށް ދަތިވުމާ ގުޅިގެން އެކުންފުނިން ދަނީ އެކުންފުނީގެ އެކި ޑިވިޝަންތައް ރޫޅާލަމުންނެވެ.
އެގޮތުން މައިކްރޯވޭވް އާއި ދޮންނަ މެޝިން އުފައްދާ ޑިވިޝަންގެ މަސައްކަތްތައްވެސް ހުއްޓާލުމަށް ޖެނެރަލް އިލެކްޓްރިކް އިން ވަނީ މީގެކުރީން ނިންމާފަ އެވެ.