އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ޕްރެމިއާ ލީގު ލިބުމަކީ ދުރުކަމެއް ކަމަށް އެކުލަބުން ޓޮޓެންހަމް އަށް ލޯނުގެ ދަށުން ދޫކޮށްފައިވާ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ ފާހަގަ ކޮށްފި އެވެ.

މެންސިޓީގެ ކޯޗުކަމުގައި މާކް ހިއުސް ހުރިއިރު، އުމުރުން 27 އަހަރުގެ އަޑެބަޔޯ ވެފައިވަނީ އެޓީމުގެ މުހިންމު ކުޅުންތެރި އަކަށެވެ. ޕްރެމިއާ ލީގުގައި މެންސިޓީ އަށް ކުޅުނު 25 މެޗުން 18 ގޯލު އަޑެބަޔޯ ކާމިޔާބު ކޮށްދީފައި ވެއެވެ. ނަމަވެސް 2010 ވަނަ އަހަރު ޓީމާއި ރޮބާޓޯ މަންޗިނީ ހަވާލުވުމުން އަޑެބަޔޯގެ މަގާމު ގެއްލިފައި ވެއެވެ.

"މިސީޒަނުގެ ޕްރެމިއާ ލީގު ތަށި މެންސިޓީ އަށް ލިބުމަކީ ދުރު ކަމެއް. އެ ތަށި ހޯދަން ބޭނުންނަމަ އެމީހުން ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ. މިހާރު މެންޔުނައިޓެޑް އެއްވަނަ އަށް އެރުމަށް އެ ގާތް ކުރަނީ. ޓޮޓެންހަމާއި ޗެލްސީން ވެސް ލީގު ހޯދުމަށް ބޮޑު މަސައްކަތެއް ކުރާނެ،" އަޑެބަޔޯ ބުންޏެވެ.

އަޑެބަޔޯ މެންސިޓީގައި މިދިޔަ ސީޒަނުގެ އެއްބައި ހޭދަކުރި ނަމަވެސް، އަނެއް ބައި ހޭދަކުރީ ރެއާލް މެޑްރިޑުގައި ލޯނުގެ ދަށުގައެވެ. ރެއާލް ގައި ހޭދަކުރި ދުވަސްތައް ވެސް އަޑެބަޔޯ އަށް ވެފައިވީ ކާމިޔާބީ ދުވަސްތަކަކަށެވެ. މިސީޒަނަށް ލޯނުގެ ދަށުން ޓޮޓެންހަމް އަށް ބަދަލުވެ އަޑެބަޔޯ ދަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދައި މުހިންމު ލަނޑުތަކެއް އެޓީމަށް ކާމިޔާބުކޮށް ދެމުންނެވެ.