27 May 2020, 23:45
މާލެ ސަރަހައްދުގެ ލޮކްޑައުން ލުއި ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހުންނަށް އަދި ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ލޮކްޑައުންއަށް ލުއި ދިނުމާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވަނީ ފޭސް ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ދެ ހަފްތާ ކަމަށާއި، އޭގެ ފަހުން އަންނަ ދެ ހަފްތާ އަކީ ދެވަނަ ފިޔަވަހި ކަމަށް ވިދާޅުވިއެވެ.
ލުއިތަކާ ބެހޭ ގޮތުން އިތުރަށް މައުލުމާތު ދެއްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، 60 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ވަކި ގަޑިއެއްގައި ބޭރަށް ނުކުމެވެ އުޅެވޭނެ ކަމަށެވެ.
"ފަތިހު ފަހަކާއި އަށަކާ ދެމެދު އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޕާމިޓްއާ އެއްކޮށް ބޭރަށް ނުކުމެވޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފުރަތަމަ ފިޔަވަހީގައި، ޕާމިޓާ އެއްކޮށްވެސް އާއިލާއާ ރައްޓެހިން އެއްވުމާއި، ތިމާގެ މީހުން އުޅޭ ގެއަކަށް ފިޔަވައި އެހެން ގެތަކަށް ދިޔުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ފުރަތަމަ ދެ ހަފްތާގައި ގޭބީސީއަކަށް ތިން ހުއްދަ ލިބޭނެއެވެ. އެއީ ބޮޑެތި މީހުންނަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދެ ހަފްތާގައި ގޭބީސީއަކަށް ފަސް ހުއްދަ ލިބޭނެއެވެ. އަދި އެ ހަފްތާގައި ކުޑަކުދިންނަށްވެސް ވަކި ގަޑިއެއްގައި ބޮޑެތި މީހުންނާ އެއްކޮށް ގެއިން ނުކުމެވޭނެއެވެ.
"[ދެވަނަ ފިޔަވަހީގައި] ކުޑަކުދިންނަށް ޕާމިޓާ އެއްކޮށް ފަތިހު ފަހަކާ އަށަކާ ދެމެދު ބޭރަށް އެ ދެ ހަފްތާގައި ނުކުމެވޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޕާމިޓް ދިނުމުގެ ބޭނުމަކީ އެއް ފަހަރާ މަގުތަކަށް ނުކުންނަ މީހުންގެ އަދަދު ކުޑަ ކުރުން ކަމަކަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއް ފަހަރާ ގިނަ މީހުން ނުކުންނަ ނަމަ ހާސިލު ކުރަން ބޭނުންވާ ނަތީޖާ ނުނެރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.