28 May 2020, 09:19
ކެލިފޯނިއާގައި އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށްވާ ޖެކް ރީކޯ، ހަތަރު އެސޯސިއޭޓް ޑިގްރީ އާއެކު ދަސްވެނިވެއްޖެ އެވެ.
ބަލާ ބެލުމަށް ރީކޯ އަކީ 13 އަހަރުގެ އެހެން ކުއްޖަކާ ތަފާތު ކުއްޖެއް ނޫނެވެ. އެހެންނަމަވެސް ރީކޯ އަކީ މުޅީން ތަފާތު ކުއްޖެކެވެ.
އުމުރުން އެންމެ 13 އަހަރުވީ އިރު ކެލިފޯނިއާގެ ފުލާޓަން ކޮލެޖުން ހަތަރު އެސޯސިއޭޓް ޑިގްރީ ނަގައި ރީކޯ ވަނީ ދަސްވެނިވެފައެވެ. އޭނާ އެހުރިހާ ކަމެއް ކޮށްފައިވަނީ އެންމެ ދެ އަހަރުގެ ތެރޭގައެވެ.
އެއާއެކު ފުލާޓަން ކޮލެޖުގެ 107 އަހަރުވީ ތާރީހުގެ ތެރޭގައި ރީކޯ ވަނީ ރަން އަކުރުން ފެވިގެން ގޮސްފަ އެވެ. އެއީ މުޅި ކޮލެޖުގެ ދިގު އުމުރުގައި މިހާތަނަށް އެފަދަ ކާމިޔާބީއެއް އެހާ ޅަ އުމުރުގައި ހޯދާފައިވާ ހަމައެކަނި ކުއްޖަކީ ރީކޯ އެވެ.
ޖުމްލަ ޖީޕޯއޭ 4.0ގައި ބަހައްޓައި ރީކޯ އެސޯސިއޭޓް ޑިގްރީ ހާސިލުކޮށްފައި ވަނީ ހިސްޓްރީ އާއި ހިއުމަން އެކްސްޕްރެޝަން އާއި ސޯޝަލް ބިހޭވިއާ އަދި ސޯޝަލް ސައިންސް އިންނެވެ.
"އަޅުގަނޑު ވަރަށް ލޯބި ކުރާ ކަމެއް އާ އެއްޗެހި ދަސްކުރުމަކީ. މުޅި ދުނިޔޭގެ ތަފާތު ކަންތައްތައް ދަސްވާ ކަމެއް އާ އެއްޗެހި ކިޔެވީމަ،" ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ރީކޯ ބުންޏެވެ.
ކޮލެޖުގެ ރައީސް ގްރެގް ޝޫލްސް ވިދާޅުވިގޮތުގައި އެ ކޮލެޖުގައި 21،000 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ކުދީންތަކުގެ ތެރެއިން ރީކޯ ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކުހެން ފެންނަ މަންޒަރެއް ނޫން ދޯ ކުޑަ ކުޑަ ކުއްޖެއް އައިސް ދެ އަހަރުގެ ތެރޭގައި ޑިގްރީތަކެއް ނިންމަން އުޅުމަކީ. ރީކޯ އަކީ މުޅި ކޮލެޖުގައިވެސް ވަރަށް ނަން މަޝްހޫރު ކުއްޖެއް،" އޭނާ ވިދާޅުވިއެވެ.
ރީކޯ ބުނަނީ މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެއް އަދި ނޭނގޭ ކަމަށެވެ. އޭނާ އަކީ ޒުވާން ކުއްޖަކަށް ވުމުން ކުރިއަށް އޮތްތަނުގައި ވެސް އާ އެއްޗެހި ދަސްކޮށް ކުރިއަށް ދާން ބޭނުންވާ ދާއިރާތައް ހޯދާނެ ކަމަށް ރީކޯ ބުންޏެވެ.