ދިހަ މަހުގެ ދަރިފުޅު ގަސްތުގުގައި މަރާލި ކަމުގެ ދައުވާ އުފުލުނު މީހާގެ މައްޗަށް އެ މައްސަލައިގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މ. ގޯލްވިޗް މުހައްމަދު ވަހީދު މައްޗަށް ދައުލަތުން އުފުލި، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސ. ހިތަދޫ ސިލްވާލީފް ނޫރުޒާދާ އަލީގެ، 10 މަހުގެ މުހައްމަދު ނާފިއު އިބުރާހިމް ގަސްތުގައި މަރާލި ކަމަށް އުފުލި ދައުވާ، ޝަރީއަތުން ބެލުމަށް ފަހު މިއަދު ހުކުމް ކުރަމުން ކޯޓުގެ ގާޒީ ވިދާޅުވީ އޭނާ އެ ތުއްތު ކުއްޖާ ގަސްތުގައި މެރިކަމުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ވަހީދުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި ކުޑަ ކުއްޖަކު މަރާލި ކަމުގެ ކުށުގެ ދައުވާ ކަމަށްވާ އިރު ގަސްތުގައި މަރާލިކަން ސާބިތުކުރުމަށް ޓަކައި އެއްވެސް ޝައްކެތް ނެތް މިންވަރަށް ހެކި ބޭނުންވާ ކަށެވެ.
ދައުލަތުގެ ވަކީލު ޝަރީއަތުގައި ބުނެފައި ވަނީ ޖޫން 9 ،2009 ދުވަހުގެ ވަގުތެއްގައި ނާފިއު ރޯން ފެށުމުން އެކަމާ އުނދަގޫވެގެން ވަހީދު ނާފިއުގެ ދެކިހިލިފަތް ދޮށަށް އަތްލައްވާ ހިއްލާލުމަށް ފަހު ވަހީދު އެ ކުއްޖާ ތަޅުވައިގެން ފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އެ ހާދިސާ ހިނގި ދުވަހު ނާފިއު ބެލެހެއްޓުމާ ހަވާލުވެ ހުރީ މުހައްމަދު ހަސަން ކިޔާ މީހަކު ކަމުގައި އެ ކުއްޖާގެ މަންމަ ނޫރުޒާދާ ބުނެފައިވާ ކަމަށެވެ. ނާފިއު އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ނާފިއު ބެއްލެވި ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ވަނީ ވަހީދުގެ ފަރާތުން ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"މިހާދިސާ ހިނގި ދުވަހު މުހައްމަދު ނާފިއު އިބްރާހިމް ބެލެހެއްޓުމާއި ހަވާލުވެ ހުރީ މުހައްމަދު ހަސަން ކިޔާ މީހަކު ކަމުގައި އެ ކުއްޖާ ގެ މަންމަ ސ. ނހިތަދޫ، ސިލްވާ ލީފް، ނޫރުޒާދާ އަލީ ބުނެފައި ވާތީ މުހައްމަދު ނާފިއު އިބްރާހިމް އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ވަނީ މުހައްމަދު ވަހީދުގެ ފަރާތުންކަން ޝަރީއަތަށް ސާބިތު ނުވާހިނދު މިފަދަ މައްސަލަތައް އެއްވެސް ކަހަލަ ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުން ކުރަން ޖެހޭ ކަމަކަށް ވެފައި އެމިންވަރަށް މިގަޒިއްޔާގައި މުހައްމަދު ވަހީދުގެ މައްޗަށް ހެކިބަސް ލިބިފައި ނުވާތީ މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ކުޅަ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.