ކޮވިޑް-19ގެ އިންފެކްޝަން ރޭޓު ރާއްޖޭގައި ކުޑަ ކުރެވުމުން އެކަމުން އެނގެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކަށް ރައްޔިތުން ބޯލަނބާފައިވާކަން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ޕްރެޒެންޓޭޝެއްގައި ޑރ. ޝީނާ ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން ބޯލަނބާނެ ކަމަށް ލަފާ ކުރި ވަރަށް ވުރެ ބޮޑަށް އާންމުން އެ ފިޔަވަޅުތަކަށް ބޯލަނބާ ކަމަށެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި އުޅޭ ތަންތަނާއި، ގޭބީސީތަކުގައި ބަލި ފެތުރޭނެ ކަަމަށް ފުރަތަމަ ލަފާ ކުރި ވަރަށް ވުރެ ފެތުރިފައި ހުރި ވަރުވެސް ކުޑަ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އޭގެ އިތުުރުން ހޮސްޕިޓަލަށް ގެންދަން ޖެހޭ މީހުންނާއި އައިސީޔޫގައި ފަރުވާ ދޭން މީހުންގެ އަދަދުވެސް ފުރަތަމަ ލަފާ ކުރި ވަރަށް ވުރެ ކުޑަ ކަމަށް ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ކަމަކީ އާންމުން ވަރަށް ބޮޑަށް އެޗްޕީއޭއިން ދިން އިރުޝާދުތަކަށް ކަމޭ ހިތައިފިއޭ. އެގޮތަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކޮށް. އެއީ ކަންނޭނގެ އެވަރަށް އިންފެކްޝަން ރޭޓު ދަށް ކުރެވުމުގެ އެންމެ މުހިންމު [ސަބަބަކީ]. ސަކްސެސްއަކަށް ވަނީ ހުރިހާ ބޭފުޅުން އެ އިރުޝާދުތަކާ އެއްގޮތަށް ކަންތައް ކުރެއްވީމަ. އެއީ ކަންނޭނގެ އެންމެ މުހިންމު ކަމަކީ މި ބަލި ކޮންޓްރޯލު ކުރުމުގައި،" ޑރ. ޝީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބިދޭސީންގެ އާބާދީގެ ބޮޑު ބަޔަކަށް ބަލި ޖެހި އެ މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީސް އެބަ ހުރި ކަމަށެވެ. އެެހެންވެ އެ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީވެސް ލޮކްޑައުންއަށް ލުއި ދިނުމުގެ އެއް ސަބަބު ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ މާނައަކީ ބަލި އާންމުންގެ މެދުގައި ފެތުރޭ ޖުމްލަ ނިސްބަތް މިހާރު ކުޑަވެފައިވާ ކަން،" ޑރ. ޝީނާ ވިދާޅުވިއެވެ.

މިހާރު ކުރި ކެޕޭސިޓީއިން ބައްޔަށް ފަރުވާ ދެވޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި މީހުން އައިސޮލޭޓު ކުރުމާއި ކަރަންޓީނު ކުރުމުގެ ފެސިލީޓީތައްވެސް ހުރީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޓެސްޓިން ކެޕޭސިޓީ އިތުރުވުމާއި، ކޮންޓެކްޓް ޓްރޭސިން ރަނގަޅުވުން ފަދަ ބަލި ކުރީބައިގައި ހުރިކަން ދެނެގެވޭނެ ނިޒާމުތައްވެސް ގާއިމްވެފައި ހުރުމަކީވެސް ލުއި ދިނުުމުުގެ އެއް ސަބަބު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.