27 May 2020, 22:04
ބިދޭސީ އާބާދީއިން ޓެސްޓްކުރި ގިނަ މީހުންނަށް ކޮވިޑް-19 ޖެހި މިހާރު ރަނގަޅުވެފައިވާ ކަމަށް ހެދި ދިރާސާތަކުން ދައްކާފައި ވާތީ، އެ މީހުންގެ ފުށުން އެ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
ކޮވިޑާ ގުޅޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހެދި ބިދޭސީ އާބާދީގެ ގިނަ މީހުންގެ އެންޓި ބޮޑީސް ހުރިކަން ޓެސްޓަތަކުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން ބެލި 75 ޕަސެންޓް މީހުންގެ ފަރާތުން އެންޓި ބޮޑީޒް ފެނިފައިވާކަން ޑރ. ޝީނާ ފާހަގަ ކުރެއްވި އެވެ.
އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ. ކޮވިޑްއާ ދެކޮޅު އެންޓި ބޮޑީޒް ހުރި ނަމަ އެމީހަކީ ބަލި ޖެހި ރަނގަޅުވެފައިވާ މީހެއް ކަމަށް ބަލަ އެވެ. އަދި އެ މީހުންގެ ފަރާތުން އެހެން މީހުން ގަޔަށް ވައިރަސް ފެތުރުމުގެ ފުރުސަތެއް ނޯވެ އެވެ.
"ފާހަގަކޮށްލަން ޖެހޭ ކަމަކީ ލޮކްޑައުންއަށް ލުއިދޭން އުޅޭ ތަންތާނގައި ބައިވަރުމީހުން އެއްކޮށް އުޅޭ ތަންތަނުގައި ހާއްސަކޮށް މިހާރު ބިދޭސީން އުޅޭ ތަންތަނުގައި އެބަ ފެނޭ ވަރަށް ބޮޑުުބަޔަކީ ބައްޔަށް ހުށަހެޅި މިހާރު އެންޓިބޮޑީސް ލިބިފައިވާ މީހުންކަން. އެހެންވީމާ އެމީހުންގެ ފަރާތުން ބަލި އެހެންމީހުންނަށް ޖެއްސުމުގެ ފުރުސަތު ވަަރަށް ބޮޑަށް ކުޑަވެގެން އެބަދޭ. އެ ގްރޫޕް ތެރޭގައި ބަލި ފެތުރޭ ނިސްބަތް 3.1 އަކުން 1.8 އަށް ތިރިވެފައިވާކަމަށް މިހާރު ބެލެވެނީ،" ޝީނާ ވިދާޅުވިއެވެ.
ބިދޭސީންނަށް ބަލި ޖެހޭ މިންވަރު ކުޑަވި ނަމަވެސް ގޭބިސީތަކުގައި ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އާންމުންގެ ތެރޭގައި ބަލި ޖެހޭ ޖުމްލަ އަދަދު މިހާރު ކުޑަވެފައިވާކަމަށްވެސް ޝީނާ ވިދާޅުވިއެވެ.