27 Dec 2011, 14:52
ތިން ގައުމެއްގެ ސަފީރު ކަމަށް ސަރުކާރުން ކަނޑައެޅި ތިން ސަފީރަކަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
މިއަދު ރުހުން ދިން ތިން ސަފީރުންނަކީ އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް، ހ. ތަނޑިރަތްމާގެ އަމީން ފައިސަލާއި ސިންގަޕޫރުގައި ހުންނަވާ ސަފީރަކަށް ފޯއްމުލަކު ވިދުވަރުގެ މުހައްމަދު އިބްރާހިމް ދީދީ އާއި އުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅުއްވާ ރާއްޖޭގެ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގެ އަހްމަދު ރަޝީދެވެ.
މިއަދުގެ ޖަލްސާގައި އަމީން ފައިސަލް އިންޑިއާގައި ހުންނަވާ ސަފީރަކަށް، 44 މެންބަރުން ވޯޓު ދެއްވި އިރު، 20 ބޭފުޅަކު ދެކޮޅަށް ވޯޓު ދެއްވި އެވެ.
މުހައްމަދު އިބްރާހިމް ދީދީ އަށް ރުހުންދީފައި ވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އައި އޭނާގެ ނަން ފާސްކުރަން ނުފެންނަކަމަށް ވޯޓުދީފައި ވަނީ އެންމެ މެންބަރެކެވެ.
ށ. މާއުނގޫދޫ ކަރަންކާގެ އަހްމަދު ރަޝީދު އުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅުއްވާ ރާއްޖޭގެ ސަފީރުކަމަށް ހަމަޖެއްސެވުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ވަނީ ރުހުންދީފަ އެވެ. އަހްމަދު ރަޝީދަށް ރުހުންދޭން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.