ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރަކު އަދި އިނގިރޭސިވިލާތުން ރާއްޖެ އަންނަން ބޭނުންވާ 23 ދިވެއްސަކު އަންނަ އާދީއްތަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އެ 73 ދިވެހީން ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ ލަންޑަނުން ފުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުންނެވެ. ބެލަރޫސްގައި ތިބި ދަރިވަރުން މި ފްލައިޓުގައި ރާއްޖެ އައުމަށް، ހޮނިހިރު ދުވަހު ބެލަރުސްގެ މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައިއެވެ. އެ މީހުން ރާއްޖެ އައުމަށް ފަހު 14 ދުވަހަށް ކަރަންޓީނު ކުރެވޭނެއެވެ.

ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީިއިން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ގައުމުތައް ހުއްޓުމަކަށް އައިސްފައިވާއިރު ބައެއް ގައުމުތަކުގައި ތިބި ދިވެހީން ދަނީ އަނބުރާ ރާއްޖެ އަންނަން އެދެމުންނެވެ. ހޯމަ ދުވަހު ތައިލެންޑުގައި ތިބި 26 ދިވެއްސަކުވެސް ރާއްޖެ ގެނައެވެ.