ދަނޑުވެރިކަން ކުރަން ރާއްޖޭގެ އެއްވެސް ފަޅުރަށެއް އިޒްރޭލަށާއި އެ ގައުމުގެ އެއްވެސް ކުންފުންޏަކަށް ދޭން ނިންމާފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް ގަސްތު ކޮށްފައި ނުވާ ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިކަން ކުރަން އިޒްރޭލުގެ ބަޔަކަށް ރާއްޖެއިން ބިން ދޭން އުޅޭކަމަށް ބުނެ އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހުށަހެޅި މައްސަލައިގައި ޑރ. ޑީޑީ މިއަދު ކޮމެޓީއަށް ހާޒިރު ކުރުމުން ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރަން އިޒްރޭލާއި އަދި އެ ގައުމު އެއްވެސް ކުންފުންޏަކާއެކު މަޝްވަރާ ނުކުރައްވާ ކަމަށެވެ.

ނަމަވެސް އިފާޑް އަދި އައިއެފްއޯގެ ވަފުދުތަށް އަބަދުވެސް ރާއްޖެ އަންނަ ކަމަށާއި އެމީހުންގެ ކޮންސަލްޓެންސީ ހޯދާ ކަމަށެވެ.

"އެމީހުންގެ ޕާސްޕޯޓް ބަލައި އެއީ ކޮންގައުމެއްގެ ބައެއްތޯ ބެލުމަކީ އަޅުގަނޑުމެންގެ މެއިންޑޭޓެއް ނޫން،" ޑީޑީ ވިދާޅުވި އެވެ. "އެއްވެސް ރަށެއް އަދި ބިމެއް ވެސް އިޒްރޭލުގެ ބަޔަކަށް އަދި ކުންފުންޏަކަށް ދިނުމަށް ވެސް މަޝްވަރާއެއް ނުކުރަން އަދި ނިންމާފައެއް ވެސް ނުވޭ. އަދި ގަސްތުކޮށްފައެއް ވެސް ނެތް،"

އިޒްރޭލްގެ މިލިޓަރީ ޕޯސްޓެއް ހަދާ ކަމުގެ ތުހުމަތު ކުރެވިފައިވާ ޅ. ދިއްފުށިމާދޫއާ ބެހޭ ގޮތުން ޑީޑީ ވިދާޅުވީ އެ ރަށް ވަނީ 11 ޖެނުއަރީ 1987 ން ފެށިގެން އެރަށަކީ ހޯމް މިނިސްޓްރީއަށް ދޫކޮށްފައި ކަމަށާއި އެ ރަށާ ބެހޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިޒްރޭލުގެ މައްސަލައިގައި މީގެ ކުރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ޑިފެންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި އަދާލަތުގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިންނެވެ.