27 May 2020, 12:53
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހިފައިިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި ފައެވެ.
އެހެން ނަމަވެސް އިންތިހާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވުމުން، އެކަމަށް މަޖިލީހުން ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވުން، ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ވަނީ ނަގައިފަ އެވެ.
ޖޫން މަހުގެ ތިން ވަނަ ދުވަހު ކައުންސިލަރުންގެ ދައުރު ހަމަވާއިރު، ދެން އަންނާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވީނަމަވެސް، ޕާޓީގެ ނިންމުމާ އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.
އެހެން ނަމަވެސް ބަންޑާރަނައިބު އަދި ކައުުންްސެލް ޖެނެރަލް ދެއްވި ލަފާ މަޖިލީހުގެ މެމްބަރުންނަށް ގަބޫލުކުރަން ދަތި ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.
"ބަންޑާރަނައިބު ވިދާޅުވި އެއްޗަކަށް މަޖިލީހުގެ ކޮމިޓީއެއް ވެސް މަޖިލީހެއް ވެސް އިއްތިފާގުވެ ހިތް ރުހޭ ގޮތެއް ނުވޭ. ކައުންސެލް ޖެނެރަލް ވިދާޅުވި އެއްޗެއްގެ މައްޗަށް ވެސް ހިތް ބަރު ވަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން މައްސަލައިގައި ދެން ލަފައެއް ނުވަތަ އިރުޝާދެއް ހޯދެން އޮތީ ސުޕްރީމް ކޯޓުންނެވެ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެ ކަމަށެވެ. އަދި އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ހުކުމްތަކާ އެއްފަދައިން ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.
"ގާނޫނުގައި އަޅުގަނޑަށް ލަފާ ލިބޭގޮތުގައި އެބަ ބަޔާންކުރޭ އެ މަގުން ހިނގައިގެން އަޅުގަނޑުމެންނަށް ވަގުތީ ހައްލެއް ހޯދިދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ބުނަމުން އަންނަނީ ކޮވިޑް19 އާ ގުޅިގެން ގައުމަށް މިހާރު ދިމާވެފައިިވާ ހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެކަށީގެންވާ ހާލަތެއް ނޫން ކަމަށެވެ.
އަދި ގާނޫނު އަސާސީ އިސްލާހުނުކޮށް، ކައުންސިލަރުންގެ ދައުުރު ދިގު ކުރުމަށް މެމްބަރު ހަސަން ލަތީފު ވަނީ ހާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އޭޖީ އާއި ކައުންސެލް ޖެނެރަލްގެ އިތުރުން ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވަނީ އާންމު ގާނޫނަކުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް ބަދަލު ނުކުރެވޭނެ ކަމަށެވެ.