27 May 2020, 10:28
ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގޯލް ޖަހައިގެން ވޯލްޑް ކަޕް މުބާރާތެއްގައި ގޯލްޖެހި ފްރާންސްގެ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދި ކިލިއަން އެމްބާއްޕޭއަށް ބެލެންޑިއޯ ނުލިބިދާނެތީ ކަންބޮޑުނުވާކަމަށް އޭނާ ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފްރާންސްގެ މޮނާކޯގައި ދެއްކި މޮޅު ކުޅުމާއެކު ބޮޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވެ އެ ކުޅުން ތަކުރާރުކޮށް އެންމެ ފަހުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އެމްބާއްޕޭ ވަނީ އަދާކޮށްފަ އެވެ. ވުމާއެކު އުމުރުން 21 އަހަރުގެ ފޯވާޑް ބެލެވިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފުޓްބޯޅައިގައި އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އަދި މިވަގުތ ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން އެންމެ ފާރަލައި އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެފައިވާ އެމްބާއްޕޭ އަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު ދެކުޅުންތެރިން ކަމަށް ގިނަބަޔަކު އިއްތިފާގުވާ ބާސެލޯނާގެ ލިއޮނެލް މެސީއާއި، ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު ބެލެންޑިއޯ އުފުލާލާނެ ކުޅުންތެރިއެއް ކަމަށް ގިނަބަޔަކު ދެކެއެވެ.
މި އިނާމަކީ އެމްބާޕޭ ވެސް އަޒުމެއް ކަނޑައަޅައިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށް އޭނާ މީގެ ކުރިން ބުނެފައިވީ ނަމަވެސް އެ އިނާމު ނުލިބިދާނެތީ ކަންބޮޑުނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ބެލެންޑިއޯ ލިބުމަކީ ފުޓުބޯޅައިގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބު. އެކަމަކު އެ ނުލިބިދާނެތީ ރޭގަނޑުގެ ނިދި މަހްރޫމެއް ނުކުރާނަން،" އެމްބާއްޕޭ ބުނެފައިވެ އެވެ.
އެމްބާއްޕޭ ބުނީ އޭނަ ކުޅެމުންދާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ އޭނާ ކުޅޭ ފްރާންސްގެ ގައުމީ ޓީމަށާއި، ޕީއެސްޖީއަށް ފައިދާ ހުރި ކަމެއް ކޮށްދިނުން ކަމަށެވެ. އަދި އިންޑިވިޖުއަލް ޓްރޮފީ އަންނާނީ އެއަށްފަހު ކަމަށް އޭނާ ބުނެފައިވެ އެވެ.
އުމުރުން 21 އަހަރުގައި އެމްބާއްޕޭ ވަނީ މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ ހަތަރު ފަހަރެެއްގެ މަތިން ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް އެމްބާއްޕޭގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ޗެމްޕިއަންސް ލީގުގައި އޭނާއަށް އަދި މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.
"އަހަރެން އަބަދުވެސް އެންމެ ބޮޑު އުންމީދެއް ކުރަނީ ޗެމްޕިއަންސް ލީގު ހޯދުމަށް. ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔޫރޮޕިއަން ކަޕުގެ ތަށި އުފުލާލައި ޓީމުގައި ހުރުމުގެ ޝަރަފަކީ އަބަދުވެސް ދެކޭ ހުވަފެނެއް." އެމްބާއްޕޭ ބުންޏެވެ.