ދީނީ މިނިވަން ކަމަށް ގޮވާލައިގެން ހައްޔަރުކޮށްފައި ހުރި ހިލްއަތު ރަޝީދާއި ފާޅުގައި އިސްލާމް ދީން ދޫކޮށްލުމަށް ފަހު އަލުން ތައުބާވި މުހަންމަދު ނާޒިމް ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ހާޒިރު ނުކުރާ ގޮތަށް ކޮމެޓީން މިއަދު ނިންމައިފި އެވެ.

މިދެ މީހުން ކޮމެޓީއަށް ހާޒިރު ކުރުމަށް ކުރިން ކޮމެޓީއަށް ވަނީ ނިންމާފަ އެވެ. އެއީ މި މަހުގެ 10 ވަނަ ދުވަހު އާޓިފިޝަލް ބީޗަށް އެއްވެ ދީނީ މިނިވަން ގޮވާލައި ކަމަށް އަޑު އުފުލި މައްސަލައާ ގުޅިގެން ކޮމެޓީން ސުވާލު ކުރުމަށެވެ.

ގައުމީ ސަލާމަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ހިލްއަތާއި ނާޒިމް ހާޒިރު ނުކުރުމަށް ނިންމެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ކޮމެޓީގެ ބައެއް މެންބަރުން އެދިވަޑައިގެންފައިވާތީ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރުން އަލީ ވަހީދު އެ މައްސަލަ ހުށަހެޅުއްވުމުން އެ ވަގުތު ކޮމެޓީގައި ތިއްބެވި ހުރިހާ މެންބަރުން ވެސް ވަނީ ހިލްއަތާއި ނާޒިމް ހާޒިރު ނުކުރުމަށް ވޯޓް ދެއްވައިގެނެވެ.

އެ މައްސަލައިގެ ބަހުސްގެ ތެރެއިން ވާހަކަދެއްކެވި ގިނަ މެންބަރުން ވިދާޅުވީ ހިލްއަތު ފަދަ މީހަކު ކޮމެޓީއަށް ހާޒިރު ކުރުމަކީ ލާދީނީ ހިޔާލުތަކުގެ ވާހަކަތަކަށް މީޑިޔާގެ ސަމާލުކަން ހުއްޓި އެފަދަ މީހުންނަށް މީޑިޔާގައި ޖާގަ ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ ކަމާ ބެހޭ މުއައްސަސާތަކުން އެ މައްސަލައިގައި އެ މީހުންނާއި ސުވާލުކޮށް ތަހުގީގު ކުރަނިކޮށް މަޖިލީހަށް ގެނެސް ތަހުގީގު ކުރުމަކީ ކޮމެޓީގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

އިންސާނީ ހައްގުތަކުގެ ދުވަހު ގާތްގަނޑަކަށް ވިއްސަކަށް މީހުން ވެގެން ދީނީ މިނިވަންކަމަށް ގޮވާލި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު މިއަދު ވަނީ ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހު ވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމެޓީއަށް ވަޑައިގެން ފަސީހު ވިދާޅުވީ ސީރިއަސް ކަމާއެކު ތަހުގީގު ހިނގަމުން އަނަން ކަމަށާއި ތަހުގީގު ކުރިޔަށްދާތީ މިވަގުތަށް އެ މައުލޫމާތުތައް ދެއްވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ފަސީހު ވިދާޅުވީ މައްސަލައިގެ ތަހުގީގު 15 ވަރަކަށް ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގު ނިމުމުން ކޮމެޓީއަށާއި މީޑިޔާއަށް އެ މައުލޫމާތުތަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

"ސީސީޓީވީންނާއި އެއްޗިހިން ބަލައިގެން އަޅުގަނޑުމެން އެތަނަށް ދިޔަ އެންމެން ކަހަލަ ގޮތަކަށް ސުވާލުކޮށްފިން. މިހާރު ވެސް އެކަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުގައި ހުރީ. އަޅުގަނޑުމެން މިކަމުގައި ނުފުރޮޅާ އެއްވެސް ގަލެއް ނުބާއްވާނަން،"