މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އެ ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ފާސްކޮށްފި އެވެ.

އެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މިރޭ ނެގި ވޯޓްގައި ބައްދަލުވުމުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 41 މެެމްބަރުން ވަނީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް ތާއީދު ކުރައްވައިފަ އެވެ.

އެ ގޮތަށް ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅި އިސްލާހަކީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށްފަ އެވެ. އެމްޑީޕީގެ މެންބަރުންގެ މެދުގައި އެބިލާ މެދު ވަރަށް ބޮޑަތި ހިޔާލު ތަފާތުވުން އުފެދިފައިވެ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީ މަރުހަލާ އާއި މުޅި މަޖިލީހުން ވެސް ގާނޫނު އަސާސީ އިސްލާހު ކުރަން ތްރީލައިން ވިޕެއް ނެރުމަށް މިރޭގެ ޕީޖީ ބައްދަލުވުމަށް ހުށަހެޅުއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް ވޯޓް ދެއްވި 10 މެންބަރުންގެ ތެރޭގައި އެ އިސްލާހާ ދެކޮޅަށް މިއަދު ތަޅުމުގައި ވަރަށް ބޮޑަށް ވާހަކަ ދެއްކެވި މެންބަރުން ހިމެނެ އެވެ.

ތްރީލައިން ވިޕް ނެރުމާ ދެކޮޅު ހެއްދެވި މެންބަރުން:

  1. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

  2. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
  3. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  4. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު
  5. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
  6. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  7. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  8. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  9. ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
  10. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވި ތިން މެންބަރުންނަކީ، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ.

އެ ބިލާ ދެކޮޅު ހައްދަވާ އެމްޑީޕީ މެންބަރުން ވިދާޅުވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ އޮއްވާ މިވަގުތަކީ ގާނޫނު އަސާސީއަށް އިސްލާގު ގެންނަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ފަސޭހަ ފަސޭހައިން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ. އަދި ވަކި މުއްދަތަކަށް އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންތަކެއްގެ ދައުރު ދަމާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އެފަދަ މެންބަރުން ވިދާޅުވެ އެވެ.

މިހާރު ހުރި ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިނަކަށް ހަމަވެ އެވެ.

އެ ބިލަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަނީ، ހާއްސަ ހާލަތެއްގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކަނޑައެޅިފައިވާ ތާރީހަށް ނުބޭއްވޭކަން ޔަގީންވާ އިރު މިވަގުތަށް އެންމެ ރަނގަޅު ހައްލަކީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިންތިހާބު ބޭއްވެންދެން ދިގުދަންމާލުން ކަމަށެވެ. އަދި އެގޮތާ ހިލާފަށް އިންތިހާބީ މަގާމުތަކަށް އެއްވެސް ފަރާތަކުން ބަޔަކު އައްޔަން ކުރުމަކީ ޑިމޮކްރަޓިކް އުސޫލާ ހިލާފު އަދި ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި ގޮތެއް ކަމަށް ވެސް އެފަދަ މެންބަރުން ވިދާޅުވެ އެވެ. އަދި ގާނޫނު އަސާސީގައި ކައުންސިލްގެ ދައުރު ވަކި މުއްދަތެއްކަން ސީދާ ލިޔެފައިވާއިރު، ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ނޫނީ ކައުންސިލްތަކުގެ ދަައުރު ބަދަލު ނުކުރެވޭނެ ކަަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

މިކަމުގައި ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަ ޖެނެރަލްވެސް ލަފާދެއްވާފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނޫންގޮަތަކަށް ކައުންސިލްތަކުގެ ދައުރު ދިގު ނުދެންމޭނެ ކަމަށެވެ.

އަންނަ މަހު ތިނަކަށް ހަމަވާ ކައުންސިލްތަކުގެ ދައުރު ދިގު ކުރަން ޖެހުނީ ކޮވިޑް19އާ ގުޅުގެން މިދިޔަ އަހަރު އެޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރި ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ބަލައިގަތުމާ މެދު މިއަދު ވޯޓަށް އަހައި، މުޅި މަޖިލީހުގެ ކޮމިޓީއަކުން ބިލް ދިރާސާކޮށް ފާސްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި މާދަމާ އެ ބިލާ މެދު މުޅި މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.