27 Dec 2011, 13:58
ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަހުމަދު ރިޝްވާން މިއަދު އިންތިހާބުކޮށްފި އެވެ.
އޭނާ ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ ތަކަންދޫގައި މިއަދު ކުރިއަށް ދިޔަ އަތޮޅު ކައުންސިލްގެ ބައްދަލްވުމުގައި ހާޒިރުވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓް ދެއްވައިގެންނެވެ.
އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ކައުންސިލުން ހުސްވެފައިވާ ރައީސް ކަމަށް ކުރިމަތިލެއްވީ ރިޝްވާން އެކަނި ކަމަށާއި ހާޒިރުވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެރެއިން އެބޭފުޅާ އަށް ތާއިދުކުރައްވައި ހަތް މެންބަރަކު ވޯޓް ދެއްވި އިރު އެއް މެންބަރެއްގެ ވޯޓް ބާތިލްވެ އެއް މެން ބަރަކު ނުފެންނަ ކަމަށް ވޯޓް ދެއްވި ކަމަށެވެ.
މިއަދުގެ ކައުންސިލް ބައްދަލްވުމަށް ވަޑައިނުގަންނަވަނީ ރައީސް ކަމުން ވަކިކުރި ޔޫސުފް ސިރާޖެވެ. އޭނާ މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ކަމަށް ރަޝީދު ރައީސް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރެގައި ހއ. އަތޮޅުގޭގައި އަތޮޅު ކައުންސިލަރުން ދިރިއުޅުއްވާ މައްސަލަ ހޫނުވެ ހަމަނުޖެހުން ހިނގުމުގެ ސަބަބުން ކުރީގެ ރައީސް ޔުސުފް ސިރާޖްގެ އިތުބާރު ނެތް ކަމަށް ވޯޓްނަގައި އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި ހިނިގި ހަމަނުޖެހުމުގެ ސަބަބުން އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ ކައުންސިލް މެންބަރުން ފިޔަވައި އެހެން ދާއިރާތަކަށް ނިސްބަތްވާ ކައުންސިލަރުން ދިއްދޫން ދިއުމަށް ފަހު މަސައްކަތް ކުރައްވަމުން ގެންދެވީ އެ ބޭފުޅެއްގެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރަގަ އެވެ. އަދި އަތޮޅު ކައުންސިލްގެ މުހިންމު ޖަލްސާތައް ބާއްވަމުން އައީ އަތޮޅުގެ އެކި ރަށްރަށުގަ އެވެ.
ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ ކުރިއަށް އޮތްތާގައި އަތޮޅު ކައުންސިލްގެ މެންބަރުން ދިއްދުއަށް ވަޑައިގެން ތިއްބެވުމަށް ޓަކައި މިހާރު އަތޮޅު ކައުސިލްގެ ބެލުމުގެ ދަށުގައި ހުންނަ "އުތުރުހިޔާ" ކައުންސިލަރުން ތިއްބެވުމަށް ޓަކައި މަރާމާތުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އެކޮމެޑޭޝަން ކަންތައް ހަމަޖެހުމުން ހުރިހާ މެންބަރުން ވެސް ދިއްދުއަށް ދާނެ. އަޅުގަނޑުމެން ދެން އެންމެ އަވަހަށް ޖަލްސާ ބައްވަނީ ދިއްދޫގައި،" ރަޝީދު ވިދާޅުވި އެވެ.
އުތުރު ހިޔާގައި ކައުންސިލަރުން ތިއްބަވާނި ކުލި ދައްކައިގެން ކަމަށް ވެސް ރަޝީދު ވިދާވި އެވެ. އެތަނަށް ގާތްގަނޑަކަށް ކުލީގެ ގޮތުގައި 8000 ރުފިޔާ ދައްކަވާނެ ކަމަށާއި އެ ފައިސާ އަކީ އަތޮޅު ކައުންސިލްގެ ބަޖެޓަށް ވަދެގެން ދާނެ ފައިސާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.